ރަސްފަރީ ފަރަށް އެރި ބޯޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު އެ މައްސަލަ ހުށަހަޅުއްވާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ.
ރާއީ ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ބޯޓު ފަރަށް އެރިޔަ ނުދިނުމަށް އެ ބޯޓުގެ ކެޕްޓަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އަދި، އެ ހާދިސާ ދިވެހި ކޯސްޓްގާޑަށް ނުވަތަ ކަމާގުޅޭ އެއްވެސް އިދާރާއަކަށް ރިޕޯޓު ކޮށްފައިނުވާކަމަށެވެ.
ރަސްފަރީ ފަރަކީ ގުދުރަތީ ގޮތުން ރީތި އަދި ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްކަން ފާހަގަކޮށް ރާއީގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ އެ ބޯޓު ފަރަށް އަރާފައިވާއިރު ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް އެ ހާދިސާ ހިނގާފައިވާކަން ނޭނގި އޮތްއޮތުމުގެ ސަބަބުން އެ ސަރަޙައްދުގެ ތިމާވެށި ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާހިނދު، އަދި، މިފަދަ ހާދިސާތަކަކީ ޤައުމުގެ ސަލާމަތަށްވެސް އޮތް ބޮޑު ނުރައްކަލެއްކަމުގައި ދެކޭކަމަށެވެ.
އެހެންކަމުން މިއީ ކިހިނެއް ކޮންގޮތަކަށް ހިނގާފައިވާ ހާދިސާއެއްތޯ ބަލައި ފުރިހަމައަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަނެ، މިފަދަ ހާދިސާއެއް ކުރިއަށް އޮތްތަނުގައި ހިނގިޔަނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް ވުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.