Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އަފީފް އިދިކޮޅު މެމްބަރުންނާ ގުޅިގެން މަޖިލިސް "ހަރާބު" ކުރާކަމަށް ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އިދިކޮޅު މެމްބަރުންނާ ގުޅިގެން މަޖިލިސް "ހަރާބު"ކުރާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ތުހުމަތު ކުރައްވައިފިއެވެ.

ޝަހީމް މިގޮތަށް ތުހުމަތު ކުރައްވާފައިވަނީ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިހުތިޖާޖް ކުރަމުން އަންނައިރު އެކަމުގައި އަފީފް ފިޔަވަޅެއް އަޅުއްވާފައިނުވާތީއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުނީއްސުރެއް އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހުތިޖާޖުކޮށް އަޑުގަދަ ކުރަމުން އަންނައިރު އެމްޑީޕީގެ މެމްބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންގަވާ އެމެމްބަރުންނަށް ފިޔަވަޅުއަޅާ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް ގޮވާލާފައެވެ.

އެގޮތުން ޝަހީމްވެސް ވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންގަވާ ރިޔާސަތުންވެސް މަޖިލީހުގެ ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ. އަދި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށް އިދިކޮޅު މެމްބަރުންގެ ނަން އިއްވުމަށް ވެސް ގޮވާލެއްވިއެވެ.

"މަޖިލީހުގެ ގަވައިދަށް އިއްޒަތްތެރި ރައީސް ހުރުމަތްތެރިކޮށް ހިއްތަވަންވީ. މިބޭފުޅުން [އިދިކޮޅު މެމްބަރުން] ނެރެންވީ. ނަން އިއްވަންވީ. އިއްޒަތްތެރި ރައީސް މިބޭފުޅުންނާ ގުޅިގެން މިއަދުތި މަޖިލިސް ހަރާބު ކުރައްވަނީ. މިބޭފުޅުންގެ ނަން އިއްވަންވީ." ނިޒާމީ ނުކުތާ ނަންގަވާ ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ އިހުތިޖާޖާ ގުޅިގެން މިއަދުގެ މަޖިލިސް މެދު ކަނޑާލައިފައިވެސް ވެއެވެ.

އިދިކޮޅު މެމްބަރުން އިހުތިޖާޖް ކުރަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކް ވެފައިވާތީއެވެ. ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ގާޒީންގެ ބެންޗުގައި ހިިމެނޭ ދެ ގާޒީއެއްގެ އޯޑިއޯއެއް ރާއްޖޭގެ ބައެއް މީޑިއާތަކަށް ލިބި އެ ލީކުވެފައިވާއިރު އެ އޯޑިއޯތަކުގައި ގާޒީއެއް ބުނެފައިވަނީ ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީން ކޮށްގެން ކަމަށާއި، ހުކުމުގައި އޮތް އެއްޗެއްވެސް ނޭންގޭކަމަށެވެ.