އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖލީހުގެ މެމްބަރުން ރައީސް އޮފީހަށް އައިސްފައިވަނީ ރީތިގޮތުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިސްތިއުފާ ދިނުމަށް އެދުމަށްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ބޭރުގައި އިދިކޮޅު މެމްބަރުން ތިއްބަވައިގެން މީޑިއާއާ ބައްދަލުކޮށް ދެއްކެވި ވާހަކަައިގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކް ވެފައިވާތީ އެކަމާގުޅިގެން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރުމަށްފަހު ރައީސް އޮފީހަށް ވަނީ ގޮސްފައެވެ.
އެކަމާ ގުޅިގެން މީޑިއާއަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް އޮފީހަށް އައީ ރައީސް ސޯލިހާ ބައްދަލުކުރުމަށް ކަމަށާއި، އަދި ބައްދަލުކުރުމަށް ވަގުތުކޮޅަކަށް އެދިފައިވާކަމަށެވެ. އަދި ރައީސް ސޯލިހާއި ބައްދަލުކުރަނީ ރައީސް ޔާމީންގެ ޝަރީއަތަށް ރައީސް އޮފީހުން ނުފޫޒު ފޯރުވާފައިވާތީ އެކަމުގައި އެމަނިކުފާނު އިސްތިއުފާ ދިނުމަށް އެދުމަށްކަމަށެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ގާޒީންގެ ބެންޗުގައި ހިިމެނޭ ދެ ގާޒީއެއްގެ އޯޑިއޯއެއް ރާއްޖޭގެ ބައެއް މީޑިއާތަކަށް ލިބި އެ ލީކުވެފައިވާއިރު އެ އޯޑިއޯތަކުގައި ގާޒީއެއް ބުނެފައިވަނީ ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީން ކޮށްގެން ކަމަށާއި، ހުކުމުގައި އޮތް އެއްޗެއްވެސް ނޭންގޭކަމަށެވެ.