Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އެމްޑީޕީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެމްބަރުން ހޮވުން މިރޭ

ފޮޓޯ: އެމްޑީޕީ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެންމެފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވަނީ އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެމްބަރުން ހޮވުމުގެ ކަންކަން މެމްބަރުން އެއްތަނަކަށް ހާޒިރުވެތިބެ ސިއްރު ވޯޓަކުން ކުރިއަށްގެންދިއުމަށެވެ.

އެމްޑީޕީން މައުލޫމާތުދޭ ގޮތުގައި މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 09:00 ގައި ތާޖުއްދީން ސްކޫލުގައެވެ.

އެމްޑީޕީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަކީ 9 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހެކެވެ. މި މަޖިލީހަށް ޖުމުލަ 18 މެމްބަރުން ކުރިމަތި ލައްވާފައިވެއެވެ.

މިމަޖިލީހަށް ކުރިމަތި ލައްވާފައިވާ މެމްބަރުންނަކީ އަމީން ފައިސަލް، ފާތިމަތު ޝަހީދާ، އަހްމަދު ޒުހައިރު، ޝޫޒަން އިބްރާހިމް، އަހްމަދު އަފްރާހް، ފަޞާހް އަހްމަދު، އަހްމަދު ރިޝްވާން، ފާތިމަތު އިނާޝާ، ހުސެއިން ރަޝީދު، އިބްރާހިމް މުހައްމަދު ދީދީ، އަހްމަދު މައުރޫފު، ނައުޝާދު އަބްދުލް އަޒީޒް، މުހައްމަދު ކަމާލް، އަހްމަދު ނިޝާދު، ހަސަން ޒާހިރު، އާދަމް މާހިރު، އަބްދުލް މަޖީދު ޝަމީމް އަދި އަނަސް އަބްދުއް ސައްތާރެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނެފައިވާގޮތުގައި ޕާޓީގެ އަސާސީ ގަވައިދުގެ އެއްވެސް ކަމަކާމެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފު ކުރަންބޭނުންވާ ހިނދު، މިފަދަ ޝަކުވާތަކަށް ނިންމުން ނިންމުމުގެ ވަޒީފާއާއި ޝަކުވާތަކުގެ އަޑުއެހުން ބޭއްވުމުގެ ވަޒީފާ އަދާކުރާނެ އިސްތިއުނާފުގެ ފަނޑިޔާރު، މަޖިލީހެއް ޕާޓީން ޤާއިމުކުރާނެކަމަށެވެ. އަދި އަސާސީ ގަވައިދު މާނަކުރުމާމެދު އުފެދޭ ހުރިހާ ދެބަސްވުންތަކަށް އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.