ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށްބުނެ އެމައްސަލައިގައި ހިމެނޭ ބައެއް ފަޑިޔާރުން ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކެއް ވާހަކަ ދައްކާ އޯޑިއޯއެއް ލީކުވެފައިވާ މައްސަލައިގައި އެ ފަނޑިޔާރުންގެ ފަރާތުން މިއަދު މައުލޫމާތު ސާފުކުރާނެކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި މި ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމާފައިވާކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށާފައިވާކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.
ޖޭއެސްސީން ރޭ މިކަމާ ގުޅިގެންނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރުގޭގެ މިނިވަންކަމާއި، އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކާ، ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ތަހުގީގު ކުރާނެ ކަމެއް ކަމަށެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ގާޒީންގެ ބެންޗުގައި ހިިމެނޭ ދެ ގާޒީއެއްގެ އޯޑިއޯއެއް ރާއްޖޭގެ ބައެއް މީޑިއާތަކަށް ލިބި އެ ލީކުވެފައިވާއިރު އެ އޯޑިއޯތަކުގައި ގާޒީއެއް ބުނެފައިވަނީ ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީން ކޮށްގެން ކަމަށާއި، ހުކުމުގައި އޮތް އެއްޗެއްވެސް ނޭންގޭކަމަށެވެ