Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އާހިދު އައްޔަން ކުރުމަށް ފާސްކޮށްފި

އަހްމަދު އާހިދު ރަޝީދު-- ފޮޓޯ: ޕީއެސްއެމް

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަހްމަދު އާހިދު ރަޝީދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީޙުން ފާސްކޮށްފިއެވެ

އާހިދު އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 49 މެމްބަރުންގެ ވޯޓުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށް މަޖިލީހަށް ފޮނުވާފައިވާ ނަންތަކަކީ ޝިހާމް މުހައްމަދު ވަހީދު، އަހްމަދު އާހިދު ރަޝީދު، މަރިޔަމް އަލީމް އަދި އަޒްލީމާ އަހްމަދެވެ

ޤާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އެ މަގާމަށް ބޭފުޅަކު އައްޔަނު ނުކުރެވި ލަސްވެފައިވަނީ މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ފޮނުވި ނަންތަށް ފާސްނުވުމާ ގުޅިގެންނެވެ. މައުލޫމާތު ހޯދާ ލިބިގަތުގެ ހައްޤުގެ ޤާނޫނުގައި ބުނެފައިވާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަނު ކުރަން ޖެހެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ. ފިޔާޒް މަޤާމުން އިސްތިއުފާ ދެއްވިތާ 60 ދުވަސް ހަމަވެފައިވަނީ މޭ 20 ވަނަ ދުވަހަށެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާއިބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.