Last Updated: April 19, 06:47
Friday, April 19, 2024
ޚަބަރު

ބަރުލަމާނީ އަކީ ދަންތުރައެއް، އޮތީ އަމިއްލަ އެދުން: ގާސިމް

ގާސިމް އިބްރާހިމް - ފޮޓޯ: ޖޭޕީ

ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ މީހުންގެ އޮތީ އަމިއްލަ އެދުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއާ އަލަށް ގުޅުނު ފަރާތްތަކެއްގެ ފޯމު ހަވާލުކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ބަޔަކު ނިކުމެގެން ބަރުލަމާނީއޭ ކިޔައިގެން ފަތުރާ ދަންތުރައިގައި ޖެހެން ހެޔޮނުވާނެ ކަމަށާއި އެއީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ބަރުލަމާނީ ގެންނަން އުޅެނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި އެއީ އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމު އޭޝިއާ ބައްރަށް އައިސްފައިވަނީ އިނގިރޭސިންގެ ނުފޫޒުން ކަމަށާއި އެއީ އިނގިރޭސިން އިންދާފައިވާ އޮށެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެމީހުންގެ ފިކުރިއްޔާތު، މުޅި ގައުމު ފަސާދަ ކުރުމަށްޓަކާ ރާވާފައި އޮތް ނިޒާމެއް މި ބަރުލަމާނީ ނިޒާމަކީ. އެމީހުންގެ ބާރުވެރިކަން އޮތް ހުރިހާ ތަނެއް އޮންނާނީ އެގޮތަށް. މިއީ ހަގީގަތަކީ" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ވެރިމީހާއާ ބައްދަލުކުރުމުގެ ފުރުސަތު އޮތީ ރިޔާސީ ނިޒާމެއްގައިކަން ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވެސް ވިސްނާލުމުން އެނގޭނެ ކަމަށާއި ރައްޔިތު މީހާ އަށް ފައިދާ ބޮޑީ ރިޔާސީ ނިޒާމުގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތު މީހާގެ ހާލު ބަލަން ލާޒިމުކުރަނީ ރިޔާސީ ނިޒާމުގައި އެންމެ ބޮޑަށް. ރާއްޖޭގެ ރައްޔިތުން ހެޔޮވެސް ނުވާނެ ބަޔަކު ނިކުމެގެން މި ފަތުރާ ދަންތުރައިގައި ޖެހެން" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވިއިރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ބަޔަކު ވަނީ ފާށަފައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ނިންމުމަކީ ރައްޔިތުން މީގެ ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށާއި، ދެންވެސް އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނަމަ ނިންމަންޖެހޭނީ ރައްޔިތުން ކަމަށެވެ.