Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ މަޖިލިސް ޖަލްސާގައި ބައިވެރިނުވީ އެއިން ކުރާނެ ފައިދާއެއް ނެތީމަކަމަށް

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އޮންލައިންކޮށް ބައިވެރިނުވީ އެތަނުގައި ދައްކާ ވާހަކައިން ކުރާނެ ފައިދާއެއް ނެތުމުން ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ނިމިދި ދައުރުގެ މަޖިލިސް ހާޒިރީގެ ފުލުގައި ހިމެނުން އެއް މެމްބަރަކީ ގާސިމް އިބްރާހިމެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ގާސިމަށް ވަނީ އަމާޒުވެފައި އެވެ. ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާ ހަވާލުވުމަށް މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެންނެވީ ކޮވިޑާ ގުޅިގެން ކަމަށެވެ. އޭނާއަކީ ސިއްހީ ހާލަތު ހުރިގޮތުން އެ ބަލީގެ ނުރައްކާ އޮތް މީހެއް ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ދެން ވިދާޅުވީ އޮންލައިންކޮށް ބޭއްވި ޖަލްސާގައި ބައިވެރިވަޑައިނުގެންނެވީ އެހީ އެހާ ބޭނުންކަމެއް ކަމަށް ދެކިވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ 65 މެމްބަރުން އޭނާ ދައްކާ ވާހަކަ އަޑުއަހަން ބޭނުން ވެސް ނުވާ ކަމަށެވެ.

"ދެން ކޮންމެހެން ކީއްކުރަންތޯ އަޅުގަނޑު އިންޓަނެޓަށް ވަދެގެން އިންޓަނެޓް ބޭނުންކޮށްގެން މި ބޭއްވި ޖަލްސާތަކުގައި އަޅުގަނޑު ވަގުތު ކަނޑާލަން އިންނަނީ. އަޅުގަނޑު ދައްކާ ވާހަކަ އަޑުއަހާނެ މީހަކު ހުރީއެއް ނޫން، އެއަށް ބަލައިގެން ކަމެއް ކުރާނީއެއް ނޫން. އެހެންވީމަ މި ހާލަތުގައި އަޅުގަނޑު ހަމަހިމޭން ކަމާއެކު ހުރުމަށް ވުރެ މޮޅު ގޮތެއް ނުފެނީމަ އަޅުގަނޑު އެކަން ނުކުރީ،" ގާސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ގާސިމް ވަނީ އޭނާ އަކީ މަޖިލީހުގައި މެމްބަރަކަށް ވުން ފިޔަވާ އެއްވެސް ޒިންމާއެއް އޮތް މެންބަރެއް ނޫން ކަމަށްވެސް ފާހަގަ ކުރައްވާފައި އެވެ.

"އަޅުގަނޑުގެ އެއްވެސް ޒިންމާއެއް ނެތް މެމްބަރުކަމުގައި ހުރުން ފިޔަވާ. އެންމެ ކުޑަމިނުން ކޮމެޓީއެއްގެ ނައިބު މުގައްރިރުކަންވެސް ނެތް އަޅުގަނޑާ ހަވާލުކޮށްފައި. އެހެންވީމަ އަނެއްހެން އަޅުނޑުގެ ޒިންމާއެއް ނެތުނީމަ އަޅުގަނޑުގެ ވޯޓު ނުލިބިގެން އެމީހުނަށް ކަމެއް ނުނިފައެއް ނޯންނާނެ ދެއްތޮ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެ ނިޒާމަށް ބަދަލުކުރަން ކުރާ މަސައްކަތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ.