Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލިސް އިންތިހާބުކޮށްފި

ފޮޓޯ: އެމްޑީޕީ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް މެމްބަރުން އިންތިހާބުކޮށްފި އެވެ.

އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މެމްބަރުން އިންތިހާބުކުރީ މިރޭ ބޭއްވި ޖަލްސާގައި އެވެ. މި ޖަލްސާގައި 124 މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އިންތިހާބުކުރަން ޖެހޭ 9 މެމްބަރުންގެ މަޖިލހަށް 18 މެމްބަރުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ކޮމެޓީއަށް އިންތިހާބުވެފައިވަނީ:
1. އަހްމަދު ރިޝްވާން
2. ފާތިމަތު އިނާޝާ
3. ހުސެއިން ރަޝީދު
4. އިބްރާހިމް މުހައްމަދު ދީދީ
5. އަހްމަދު މައުރޫފު
6. ނައުޝާދު އަބްދުލް އަޒީޒް
7. އަހްމަދު ނިޝާދު
8. އާދަމް މާހިރު
9. އަނަސް އަބްދުއް ސައްތާރު

އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކީ ގާނޫނީ ވަކީލަކަށްވާން ޖެހެ އެވެ. އެ މަޖިލީހަށް އިންތިހާބުކުރި ނުވަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަކީ އެ މަޖިލީހުގެ ރައީސްގެ ޝަރުތު ހަމަވާ ގާނޫނީ ވަކީލުންނެވެ. އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ތެރެއިން ނެގޭ ވޯޓަކުންނެވެ.

ޤައުމީ މަޖިލީހުގެ މެންބަރަކަށް، އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ މެންބަރުކަމެއް ނުފުރޭނެ ކަމަށްވެސް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ. ހަމަ މިފަދައިން އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ މެންބަރެއް ޤައުމީ މަޖިލީހަށް ހޮވިއްޖެނަމަ، ފަނޑިޔާރު މަޖިލީހުގެ މެންބަރުކަން ގެއްލޭނެއެވެ.