ބާސެލޯނާ އަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އަލުން އެނބުރި އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ގްރިޒްމަން އެތްލެޓިކޯ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ލޯނުގެ މުއްދަތު ހަމަވުމުން 40 މިލިއަން ޔޫރޯ އަށް އެތްލެޓިކޯ އިން އޭނާ ގަންނަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.
އެތްލެޓިކޯ ދޫކޮށް ގްރިޒްމަން ބާސާ އަށް ބަދަލުވީ 2019 ވަނަ އަހަރު 107 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅެދިން 102 މެޗުގައި 35 ގޯލު ކާމިޔާބުކޮށް ސްޕެނިޝް ކަޕެއް ކާމިޔާބުކޮށްފައެވެ.
ގްރިޒްމަން އަކީ ރޭ ނިމިގެންދިޔަ ޓްރާންސްފާ މާކެޓުގައި ބާސާ ދޫކޮށްލި 11 ވަނަ ކުޅުންތެރިޔާ އެވެ. އެގޮތުން ބާސާ ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި އެ ކްލަބުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ހިމެނެއެވެ.
ގްރިޒްމަން ފޮނުވާލުމަށްފަހު ބާސާ އިން ވަނީ ސެވިއްޔާގެ ފޯވާޑް ލޫކް ޑި ޔޮންގް ލޯނެއްގެ ދަށުން ގެނެސްފައެވެ. އަދި އެތްލެޓިކޯ އިން ވަނީ އެޓީމުގެ މިޑްފީލްޑަރު ސައުލް ނިގޭޒް އެއް އަހަރު ދުވަހުގެ ލޯނެއްގެ ދަށުން ޗެލްސީ އަށް ފޮނުވާލާފައެވެ.