ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސުން ދައްޕަރު ބޭރުކުރި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރަޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
ފިއްލަދޫ އިހްތިސާސުން ދައްޕަރު ބޭރުކުރި މައްސަލައިގައި ފިއްލަދޫ ކައުންސިލާއި ރައްޔިތުން ނުރުހުން ފާޅުކުރަމުން އަންނައިރު، އެކަމާ ގުޅިގެން ޕޮލިސީ ސެކްރަޓަރީ ހަމްދާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި މައްސަލައިގައި ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔަ އަދި މިއަދުވެސް މަޝްވަރާ ކޮށްފައިވާކަމަށެވެ.
ހަމްދާން ވިދާޅުވީ މިމައްސަލައިގައި ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށާއި، ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ ކަމަށެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެވެސް، މިއަދުވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު. ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ. ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ. https://t.co/QIVnhSfFPl
— Hamdhan (@Ahmed_hamdhan) September 1, 2021
ދައްޕަރަކީ ފިއްލަދޫއާ އެއްފަސްގަނޑަށް އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އާދީއްތަ ދުވަހުއެވެ.