Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

މުސާރައަށް އުނިއިތުރު އައިސްފައިވަނީ ހެލްތް ސެކްޓަރގެ 1796 މުވައްޒަފެއްގެ: ފިނޭންސް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: މަޖިލިސް

އޮގަސްޓްމަހުގެ މުސާރަ ޖަމާކުރިއިރު މުސާރައިގެ އުނިއިތުރު އައިސްފައިވަނީ ހެލްތް ސެކްޓާރގައި މަސައްކަތް ކުރާ 1796 މުވައްޒަފަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އޮގަސްޓް މަހުގެ މުސާރަ ޖަމާވި އިރު ބައެއް މުވައްޒަފުންގެ މުސާރަ އިތުރުވެ އަނެއްބައި މުވައްޒަފުންގެ މުސާރަ މަދުކޮށް ލިބިފައިވާއިރު އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، އޮގަސްޓްމަހުގެ މުސާރަ މުވައްޒަފުންނަށް ޖަމާކުރިއިރު ހެލްތު ސެކްޓަރގައި މަސައްކަތް ކުރާ  1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ފާހަގަ ކުރެވިފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭގަނޑު 7:45 ގައިކަމަށވެެ.

އެގޮތުން ބައެއް މުވައްޒަފުންނަށް އިތުރަށް ފައިސާ ޖަމާކުރެވިފައިވާއިރު ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިވަނީ މަދުންކަމަށާއި، މިގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލަ ފާހަގަ ކުރެވުމާއެކު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ, އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރަ އާއި ގުޅުންހުރި މަސައްކަތްތައް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.