ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓޑް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 451،615،528.48 ރުފިޔާއަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، ރ. އަލިފުށީގެ 50.5 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 10 ހެކްޓަރގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރެވިގެން ހިއްކޭބިމެވެ. އަދި، 40.5 ހެކްޓަރގެ ބިމަކީ އެރޕޯޓް ތަރައްޤީކުރުމަށް ހިއްކި ބިމެކެވެ.
މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް ޤާއިމްކޮށް، އެއަރޕޯޓެއް ތަރައްޤީކުރެވިގެން ދާނެއެވެ. އަދި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރގެ ރިވެޓްމެންޓަކާއި، 480 މީޓަރގެ ގްރޮއިންއެއް ގާއިމްކުރެވިގެން ދާނެއެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.