Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ރައްޔިތުން ރައީސް ޔާމީން މިނިވަން ކުރާނެ: މަލީހް

މުހައްމަދު މަލީހް ޖަމީލް--

ރައްޔިތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެކަމަށް މިސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރި ފަހުން އެމްޑީޕީއާއި ސަރުކާރަށް ފާޑުކިޔަމުން އަންނަ މަލީހް ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ވާދަވެރިން ޖަލަށް ލައިގެން ނޫޅުމަށް ރައްޔިތުން ލޯކަލް ކައުންސިލް އިންތިހާބުގައި ބުނުމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އެކަމަށް އިޖާބު ނުދީ އަނިޔާވެރިކަން އިސްކޮށްފައިވާކަމަށެވެ.

އަދި އެކަމަކީ ރައީސް ސޯލިހް ގޯހުން ކުރައްވާ ކަމެއްކަމަށް މަލީހް ވިދާޅުވިއެވެ. އަދި ރައްޔިތުން ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށާއި އެކަމާ ޝައްކު ނުކުރައްވާކަމަށް މަލީހް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން ޑޮލަރުން ޖުރިމަނާ ކޮށްފައިވާއިރު އެ ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗްގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯއެއްކަމަށް ބުނާ އޯޑިއާތަކެއް ވަނީ މީޑިއާގައި ލީކް ވެފައެވެ. އަދި އޭގައި ފަނޑިޔާރުން ކަމަށް ބުނާ މީހުން ވަނީ ހުކުމް އިއްވުމުގައި ނުފޫޒެއް އޮތްކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ. އެހެންނަމަވެސް ޖޭއެސްސީން އެކަމާ ގުޅޭގޮތުން އެ ފަނޑިޔާރުންނާ ސުވާލު ކުރުމުން އެފަދަ ވާހަކައެއް ދައްކާފައި ނުވާނެކަމަށާއި، އެއީ ސައްހަ އޯޑިއޯއެއް ނޫންކަމަށް އެ ފަނޑިޔާރުން ވަނީ ބުނެފައެވެ. އަދި އެކަން އިތުރު ތަހުގީގު ކުރުމަށް ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލްވެސް ފުލުހަށް ދީފައިވެއެވެ.

މި އޯޑިއޯތައް ފެންމަތިވެފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ތާވަލުކުރިކަން ހާމަކުރި ހިސާބުންނެވެ.