Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ބަރުލަމާނީ އަކީ ދަންތުރައެއް ކަމަށް ބުނުމަކީ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ކަމެއް

ބަރުލަމާނީއޭ ކިޔައިގެން ފަތުރާ ދަންތުރައިގައި ޖެހެން ހެޔޮނުވާނެ ކަމަށާއި އެއީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަތަކަކީ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ވާހަކަތަކެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުނޫޒުގައި ޖޭޕީން ކުރިއަށްގެންދިޔަ ޖަލްސާގައި ޤާސިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ބޮންޑޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް ކަމަށް ބުނުމަކީ ދިވެހި ގައުމު މިނިވަންކަން ހޯދި ނިޒާމަށް ކުރި ފުރައްސާރައެއް ކަމަށެވެ.

މިނިވަންކަމުގެ އެގްރީމެންޓުގައި ސޮއެ ކުރެއްވީ ބަރުލަމާނީ ބޮޑުވަޒީރެއްކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ ޤާސިމް ދައްކަވާފައިވާ ވާހަކަތަކަކީ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭކަމެއްކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ކުނޫޒުގައި ދެއްކެވި ވާހަކަތަކުގައި ޤާސިމް ވިދާޅުވީ ބަޔަކު ނިކުމެގެން ބަރުލަމާނީއޭ ކިޔައިގެން ފަތުރާ ދަންތުރައިގައި ޖެހެން ހެޔޮނުވާނެ ކަމަށާއި އެއީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ބަރުލަމާނީ ގެންނަން އުޅެނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި އެއީ އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމު އޭޝިއާ ބައްރަށް އައިސްފައިވަނީ އިނގިރޭސިންގެ ނުފޫޒުން ކަމަށާއި އެއީ އިނގިރޭސިން އިންދާފައިވާ އޮށެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެމީހުންގެ ފިކުރިއްޔާތު، މުޅި ގައުމު ފަސާދަ ކުރުމަށްޓަކާ ރާވާފައި އޮތް ނިޒާމެއް މި ބަރުލަމާނީ ނިޒާމަކީ. އެމީހުންގެ ބާރުވެރިކަން އޮތް ހުރިހާ ތަނެއް އޮންނާނީ އެގޮތަށް. މިއީ ހަގީގަތަކީ" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ވެރިމީހާއާ ބައްދަލުކުރުމުގެ ފުރުސަތު އޮތީ ރިޔާސީ ނިޒާމެއްގައިކަން ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވެސް ވިސްނާލުމުން އެނގޭނެ ކަމަށާއި ރައްޔިތު މީހާ އަށް ފައިދާ ބޮޑީ ރިޔާސީ ނިޒާމުގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.