ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހޭ އާބާދީގެ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން އެބަތިބިކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ %85 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށާއި، 12 އަހަރާއި 17 އަހަރާއި ދެމެދުގެ %84 ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަަމަށެވެ.
ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން އެބަތިބި ކަމަށެވެ. އަދި ވެކްސިން ނުޖަހާ ދެންތިބި މީހުންނަށް ވެކްސިން ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 383،620 މީހުން ޖަހާފައިވާއިރު ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 302،182 މީހުންނެނެވެ.