Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް އަނެއްކާވެސް އިސްލާހު ހުށަހަޅަނީ

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް - ފޮޓޯ: މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އަނެއްކާވެސް އިސްލާހެއް ހުށަހަޅަން ނިންމައިފިއެވެ.

ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ މީގެ ކުރިންވެސް ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްއެވެ.

ތޯރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީ އިސްލާހުކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އަދި ފަސް ކުރެވެން ނެތްކަމެއްކަމަށް ދެކޭތީ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މީގެ ކުރިންވެސް ތޯރިގް ގާނޫނުއަސާސީއަށް އިސްލާޙު ހުށަހަޅާފައިވެއެވެ. އެގޮތުން އެ އިސްލާހުގައި ވާގޮތުން ޖޭއެސްސީ އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކޮށްފައިވާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި، ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ އަންހެން ޤާނޫނީވަކީލަކާއި، ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބުކުރާ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ މަޖިލީހުން ރުހުންދޭ މީހެއް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ތޯރިގް ދެވަނަ ފަހަރަށް އިސްލާހު ހުށަހެޅުއްވާކަން ހާމަކޮށްފައިވާއިރު މީގެ ކުރިން މިދިޔަ އަހަރު ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

މިފަހަރު ތޯރިގް އިސްލާހު ހުށަހަޅުއްވާފައި މިވަނީ ރައީސް ސޯލިހްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޖޭއެސްސީ އެކުލެވިގެންވާގޮތް އިސްލާހުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައިވަނިކޮށެވެ.