ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ 40 މިލިޔަން ޑޮލަރުގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ އެކްސިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.
ލައިން އޮފް ކްރެޑިޓް އަކީ އިންޑިޔާގެ ހާރިޖީ ވަޒީރު ޑރ. ސ. ޖައިޝަންކަރް ފެބްރުއަރީ މަހުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ގައި ހުށަހެޅުއްވި ލޯނެކެވެ. މި ފަންޑުން ތަރައްޤީ ކުރާނީ ދިވެހިންގެ ޝައުގުވެރިކަން ހުންނަ ކުޅިވަރު ވަސީލަތްތައް ތަރައްޤީކޮށް އުންމީދުތައް ފުރިހަމަ ކުރުމަށެވެ.
މި ލައިން އޮފް ކްރެޑިޓް ބޭނުން ކުރާނީ ފުޓްބޯޅަ، އެތްލެޓިކްސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ ޓޭބަލްޓެނިސް، އަދި އެހެނިހެން އިންޑޯގޭމްސް ކުޅެވޭ ސްޓޭޑިއަމް އާއި ދަނޑުތައް އަދި އެކުވެނި ބިނާކުރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަންޑުގެ މަގްސަދަކީ އިންޑިއަން އޯޝަންސް ގޭމްސްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހި ކުރުމެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އިއްޔަ ވިދާޅުވީ މި ސޮއިކުރެވޭ އެއްބަސްވުމުގެ ދަށުން ހދ.ކުމުންދޫ ޔޫތު ސެންޓަރުގެ މަސައްކަތް، އަދި ތ.ކަނޑޫދޫގެވެސް ޔޫތު ސެންޓަރުގެ މަސައްކަތް ހިމެނޭކަމަށާއި، މީގެއިތުރުން ގަލޮޅު ދަނޑު އަލުން އިތުރަށް ތަރައްޤީކުރުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ ކަމަށެވެ. އަދި ނެޝަނަލް ބާސްކެޓް ބޯލް ސެންޓަރެއް މަލްޓިޕްލެކްސްއެއް ހެދުމަށް މި ޕްރޮޖެކްޓްގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެކަމަށާއި، އަދި ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރއެއް ނެޝަނަލް ވޮލީބޯލް ކޯޓެއް އަދި ސިންތެޓިކް ޓްރެކް އެއެއް ކުޅުދުއްފުށީ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ އައްޑޫ އަދި އައްޑޫ ހިތަދޫގަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. މީގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރުމަށް ފައިނޭންސް ކުރެވިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.