Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ކެފޭ އުސޫލުން މަސްތުވުމަށް ދޫކޮށްފައި ހުރި ގެއްގެ ވެރިމީހާއަށް ދައުވާ ކޮށްފި

ކެފޭ އުސޫލުން މަސްތުގެ ހިދުމަތް ދެމުން އަންނަ ލޮނުމިދިލިގެ-- ފޮޓޯ: ޕީއެސްއެމް

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމަށް ދޫކޮށްފައި ހުރި ގެއެއްގެ ވެރިމީހާގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ.ބްރައިޓްފްލަވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ އެގޭގެ ވެރިމީހާގެ މައްޗަށް ދައުވާ ކޮށްފައިވާކަމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މ. ބްރައިޓްފްލާވަރ ގޭގައި ކެފޭއުސޫލުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާކަމަށް ޤަބޫލުކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުސަތު އޮވެ، އެކަން ހުއްދަކޮށްފައިވާތީ، މ. ބްރައިޓްފްލާވަރ ޙުސައިން ޔޫސުފްގެ މައްޗަށް ދައުވާ ކޮށްފައިވާކަމަށެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 127 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ގެއެއް ނުވަތަ ޢިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ނުވަތަ އެއިން ކަމެއް ކުރުމަށްކަން ޤަބޫލުކުރެވޭ ޙާލު، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުޞަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާއެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރެވުނު ފުރަތަމަ ފަހަރެވެ.