Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އދގެ އާއްމު މަޖިލީހުގެ މިހާރުގެ ރައީސްއާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

އދގެ އާއްމު މަޖިލީހުގެ 75ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވޮލްކަން ބޮޒްކިރް އާއި، ފޮރިން މިނިސްޓަރު އަދި އދ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު"ގެ މައުލޫމާތު، ބޮޒްކިރް އަށް އަރުވާފައިވާކަމަށެވެ. އަދި ބޮޒްކިރްވެސް ވަނީ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން މިހިނގާ ދައުރު ނިމެންދެން، އަދި އޭގެ ފަހުންވެސް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އާއްމު މަޖިލީހުގެ ރައީސްގެ އިތުރުން އދގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި އަދި އެކި ޤައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާވެސް މިނިސްޓަރު ޝާހިދު ބައްދަލުުކުރައްވައިފިވެއެވެ. އެގޮތުން ޔޫއެން އިކޮނޮމިކް ކޮމިޝަން ފޮރ ޔޫރަޕްގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އދގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އޮލްގާ އަލްގަޔެރޮވާ އާއި ޔޫއެން ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރު މައިމޫނާ މުހައްމަދު ޝަރީފްގެ އިތުރުން ޑެންމާކް، ފިޖީ، ސްލޮވާކިއާ، އެލްސެލްވަޑޯ އިން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.