Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ރައީސް ނަޝީދުގެ ބަޔާން ނެގުމާމެދު ފުލުހުން ޕީޖީ އާއެކު މަޝްވަރާ ކުރަނީ

އެމްޑީޕީގެ ހަރުގޭގައި މީގެ ކުރިން ނަޝީދު ވާހަކަފުޅުދައްކަވަނީ.- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާން ނެގުމާމެދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މީގެ ކުރިން މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ރައީސް ނަޝީދުގެ ބަޔާނެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ސީޕީ މުހައްމަދު ހަމީދުވެސް ވަނީ ތަހުގީގަށް މިހާތަނަށް ނަޝީދުގެ ބަޔާނެއް ލިބިފައި ނުވާ ކަމަށާއި ބަޔާން ދެއްވަން ދަތި ނަމަ، ލިޔުމަކުން ނަމަވެސް ބަހެއް ހޯދުމަށް ނަޝީދުގެ އަރިހުން އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅުގެން ރައިސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ކޮއްކޯފުޅު އަހުމަދު ނާޒިމް އަބްދުއްސައްތާރު ސޮއިކޮށް ޕީޖީ ހުސައިން ޝަމީމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ބަޔާނެއް ދެއްވަން އެ މަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުޙަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމުގައި ވެސް ސިޓީގައި ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ބަޔާން ނެގުމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ބަޔާން ނެގުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި، އަދި ގޮތެއް ނިމިފައި ނުވާ ކަމަށެވެ. އަދި އެކަމުގައި ޕީޖީއަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު އަންނަނީ އިނގިރޭސިވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.