Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ޝެއިޚް އަނީލްގެ ރައްދު ޝިޔާމަށް: ޚުތުބާ ސިޔާސީ ވުމުން ސަލާމަތްކުރީ މިސަރުކާރުން

ހުކުރު ހުތުބާ ސިޔާސީ ވުމުން ސަލާމަތްކުރީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ކަމަށް ވިދާޅުވެ ޝެއިޚް މުޙައްމަދު އަނީލް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

އަނީލް މިފަދައިން ޓްވީޓް ކުރައްވާފައިމިވަނީ ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް، އާދަޔާ ހިލާފަށް ސިޔާސީ ކުލަ ޚުތުބާގައި ޖެހިފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އަނީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޚުތުބާއަކީ ކަލަންޑަރުގެ ދުވަސްތައް ފާހަގަކުރާ އެއްޗަކަށް ހަދާފައިވަނިކޮށް އެގޮތް ދޫކޮށް، ހާލަތާ ގުޅޭ ހުތުބާތަކެއް ގެނެސްފައިވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. އަދި ހުތުބާ ސިޔާސީ ވުމުން ސަލާމަތްކުރީވެސް މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.

" 'ހާކިމާއަކީ ނިއުމަތެއް' ފަދަ ހުތުބާތައް އަދި ހަނދާނުން ފޮހެވިގެން ނުދޭ." ޝެއިހް އަނީލް ވިދާޅުވިއެވެ.

އަނީލް ވިދާޅުވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދުގެ މިނިސްޓަރު ކަމުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހުތުބާގެ ކަންކަން އޮތީ ރަނގަޅަށް ކަމަށާއި، އޭގެ ފަހުން ހުތުބާ ސިޔާސީ ކުރިކަމަށެވެ.

ރޭގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އެހެން ހުކުރު ޚުތުބާތަކާ ހިލާފަށް އިއްޔެގެ ހުކުރު ޚުތުބާގައި ސަރުކާރުގެ މޫނުމަތި ރީތިކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ހުތުބާ ސިޔާސީ ކޮށްފައިވާކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓްރީއަށް ފާޑުވިދާޅުވިއެވެ.