Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ގްރޭޑް 1 ގެ ޤުރުއާން ފޮތުގައި ދެ ސޫރަތެއް އެކުވި މައްސަލަ ބަލަނީ

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ -- ފޮޓޯ: ވަން އޮންލައިން

ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް ފާހަގަކުރެވި އެކަން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގްރޭޑް 1ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓް ކުރިއިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަން ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެން.އައި.އީ) މަސައްކަތް ފަށާފައިވާކަމަށެވެ.

އެ ގޮތުން މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލުކުރުމަށް އަމަލު ކުރަންޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރީންނަށް އަންގަމުން ގެންދާނެ ކަމަށެވެ. ފޮތް ތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކުކުރެވިފައިވާ ފޮތްތަކެއްކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ.

ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ނުބައިކޮށް އޮތީ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެންނެވެ. އެ ހިސާބާ ގުޅިފައި އޮތީ ނާޒިއާތް ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތާ ހިސާބަށެވެ.