އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވީ ހިލަމެއްވެސް ނުކޮށްކަމަށް ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރި މައްސަލަ ބެލުމަށް 241 ކޮމިޓީއަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ އަލަށް ތަސްދީގު ކުރެވުނު ފުލުހުންގެ އާ ޤާނޫނަށް ޢަމަލުކުރަން ނުފަށަނީސް އިސްތިއުފާ ނުދެއްވޭނެކަމަށެވެ. ފުލުހުންގެ އާ ގާނޫނު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ނިންމާ ރިޕޯޓް ތަޅުމަށް ފޮނުވާފައިވާއިރު އެކަމާ ގުޅިގެން ފައިރޫޝް ކުރި ޓްވީޓްގައި ވިދާޅުވެފައިވަނީ، 241 ކޮމިޓީން "މީހަކު" ރިޓަޔަރ ކުރި މައްސަލަ ބަލާ ރިޕޯޓް ހުށަހަޅާފައިވަނީ "އެމީހާއަށް" ހިލަމެއްވެސް ނުކޮށްކަމަށެވެ.
"މަލަމަތި ރީތިކޮށްލުމަށް ނަމަވެސް އަންގާލިނަމަހީއެވެ." ފައިރޫޝްގެ ޓްވީޓްގައިވެއެވެ.
241 ކޮމިޓީޢިން މީހަކު ރިޓަޔަރކުރި މައްސަލައެއް ބަލާ ރިޕޯޓު ހުށަހަޅައިފިއެވެ. އެމީހާއަށް ހިލަމެއްވެސް ނުކޮށެވެ. މަލަމަތި ރީތިކޮށްލުމަށް ނަމަވެސް އަންގާލިނަމަހީއެވެ! ބެލީ، ޢަމަލުކުރަން ފަށާފައިވާ ޤާނޫނެއްގެ ދަށުންނެއްވެސް ނޫނެވެ.
— Fairoosh, PhD (@Fairoosh) September 4, 2021
ފައިރޫޝް ރިޓަޔަރ ކުރި މައްސަލައިގައި ކޮމިޓީ ރިޕޯޓުގައި ހުށަހެޅުމުގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ ކަމެކެވެ. އެއީ މިމައްސަލައިގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތުހުމަތުތަކަކީ އާންމު އިޖުތިމާއީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެއް މަގާމުން ރިިޓަޔަރ ކުރުމަށް އެދުމުން، އެފަދަ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގައި އެ ތުހުމަތުތަކަށް ރިއާޔަތްކުރުމަށް ފުލުހުންގެ ހިދުމަތުގައި ދެނެވުމަށެވެ.
އަދި ކުރިއަށްއޮތްތަކުގައި މި ބާވަތުގެ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށާއި، އެކަމުގައި އަމަލުކުރެވޭނެ ގޮތް ހަރުދަނާކުރުމަށްޓަކައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ނުވަތަ ގަވައިދެއް ހަދައި އެ ގަވާއިދަށް އަމަލުކުރަމުން ގެންދިއުމަށާއި، އަދި އެ ގަވައިދު ތައްޔާރުކޮށް ނިންމުމުން އެކަން 241 ކޮމިޓީއަށް ހުށަހެޅުމަށް ފުލުހުންގެ ހިދުމަތުގައި ދެންނެވުމަށެވެ.
ފައިރޫޝްގެ މައްސަލަ މަޖްލިސްގެ 241 ކޮމެޓީއަށް ހުށަހެޅިއިރު ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު ވެއްޓުނު އިރު ފުލުހުންގެ ތެރޭގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި އިސް މީހެއްގެ ގޮތުގައި ފައިރޫޝް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވެއެވެ.