ޝަރުއީ ކޯޓުތަކުގައި ހިންގާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންގެ އަބުރައް އެރުމަކީ ކޮށްފައިވާ ވައްކަމުން ރެކިގަތުމަށް އޮތް ގޮތެއް ނޫންކަމަށް ބުނެ އަދާލަތު ޕާޓީން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ރައްދު ދީފިއެވެ.
އަދާލަތު ޕާޓީން މިފަދައިން ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދި ކޯޓުތަކަށް، އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީން ވާހަކަ ދައްކަމުން އަންނަނިކޮށެވެ.
އެގޮތުން އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ނުފޫޒެއްނެތި، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާގެ އަގުވާއްޓާލާ، އަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ކުށްވެރިކުރާކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ އަމަލުތަކަކީ އިންސާފުވެރި މުޖުތަމައެއް ބިނާކޮށް ހެޔޮވެރިމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި، އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ޤައުމެއްގެ ގޮތުގައި ރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމުގައިވެސް ދެކޭކަމަށެވެ.
"ޝަރުޢީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫނެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ވަނީ އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ޤަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް ވެސް ރައްޔިތުންނަށް ގޮވާލާފައެވެ.
ކުރީގެ ރައީސް ޔާމީނަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯއެއް ކަމަށްބުނާ އޯޑިއޯއެއް ލީކް ކޮށްލާފައިވާއިރު އޭގައި ވާހަކަ ދައްކާ ބަޔަކު ވަނީ ހުކުމް އިއްވުމުގައި ނުފޫޒެއް އޮތްކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ.
އެހެންނަމަވެސް މިކަމުގައި ތުހުމަތު ކުރެވޭ ފަނޑިޔާރުން ވަނީ އެފަދަ ވާހަކައެއް ދައްކާފައި ނުވާނެކަމަށް ބުނެ އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެ އޯޑިއޯތަކުގެ މައްސަލަ ބެލުމަށް އެ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލްވެސް ވަނީ ފުލުހަށް ދީފައެވެ. މީގެ އިތުރުން އިއްޔަ ކުރީގެ ފަނޑިޔާރުންތަކަކީ ވަކީލުންތަކެއް ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާ ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށްވެސް ތުހުމަތު ކޮށްފައެވެ.
މިހުރިހާ ތުހުމަތެއް އިދިކޮޅުން ރައްދު ކުރަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށެވެ.