Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ރައީސް ސޯލިހް އެދޭނީ އަޅުގަނޑު މާލޭގައި ހުރުމަށް: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިނުގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރިމަތިކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުރުމަކީ ރައީސް ސޯލިހް އެދިވަޑައިގަންނަވާނެ ކަމެއް ނޫންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަނީ ސަރުކާރުން އެގޮތަށް އެދިގެން ނޫންކަމަށާއި، އެމަނިކުފާނު މާލެ އަޔަނުދިނުމަށް ރައީސް ސޯލިހް މަސައްކަތްކުރައްވާނެކަމަށް ކުޑަކޮށްވެސް ޤަބޫލުނުކުރައްވާކަމަށެވެ.

"ރައީސް ސޯލިހު އެދިވަޑައިގަންނަވާނީ އަޅުގަނޑު މާލޭގައި ހުރުން، އެ ބޭފުޅާއާ އެކު ސައިތައްޓެއް ބޮވި ވާހަކަދައްކާ ހީނ މަޖާކޮށް އުޅެވޭނެ ގޮތެއް ވުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެކުރިން އުންމީދު ކުރެއްވީ ސެޕްޓެމްބަރު ފަހުކޮޅު މާލޭގައި ހުރުމަށްކަމަށާއި، އެހެންނަމަވެސް އެ ތާރީހުގައި މިހާރު ވަޑައިގެންނެވެން ނެތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކޮންމެ ތިން ހަފްތާއަކުން އެއްފަހަރު ޑޮކްޓަރަށް ދައްކަން ޖެހޭކަމަށާއި، ރާއްޖެއާ ދުރުގައި ހުރުމަކީ ދަތިކަމެއްކަމަށެވެ.