ފަނޑިޔާރަކަށް ގުޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީހަކު ގާތު ވިދާޅުނުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއަށް ކުރިމަތިކުރެވޭ ތުހުމަތުތަކުގައި އަލީ ޒާހިރަށް އިތުބާރު ކުރައްވަންތޯ ސުވާލު ކުރުމުން ރައީސް ނަޝިދު ވިދާޅުވީ އެމަނިކުފާނު އިތުބާރު ކުރައްވަނީ އެމްޑީޕީގެ ބޭފުޅުންނަށް ކަމަށާއި، އެހެން ޕާޓީތަކުގެ ބޭފުޅުންނާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާން ނޭންގޭކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރަކަށް ގުޅުއްވުމަށް ރައީސް ސޯލިހް އެއްވެސް ބޭފުޅަކު ގާތު ވިދާޅުނުވާނެކަން ޔަގީންކަމަށާއި، އަދި އެއީ ރައީސް ސޯލިހް ގަބޫލުވެސް ކުރައްވާނެކަމެއް ނޫންކަމަށެވެ،
މީގެއިތުރުން ޕްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ކުރެވިފައިވާ މަސައްކަތުން ފަނޑިޔާރުގެއަށް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާކަމަށެވެ. އެހެންކަމުން އެއްވެސް ބޭފުޅަކު އެބޭފުޅެއްގެ އަމިއްލަ ބޭނުމަށް ފަނޑިޔާރުގެއަށް ނުފޫޒެއް ފޯރުވާން އުޅުމަކީ ގޯހެއްކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.
އަދި އެގޮތަށް ކުރެވޭ ތުހުމަތުތައް ޖޭއެސްސީ އާއި ފުލުހުން ބަލާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެެވެ.