ނިޒާމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އަދާލަތު އަދި އެމްއާރްއެމް އިން ތާއީދުކުރި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަތަކުގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީން އެދޭކަމާއި އެއީ އެމްޑީޕީގެ އަމާޒެއްކަން ފާހަގަކޮށްފައިވާނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު ދައުރު އޮތީ ދެބައިވެފައިކަމަށާއި، އެހެންކަމުން ނިޒާމުގެ ފެންނަ ނުފެންނަ ވޯޓައިގެން މިހާރު ކުރިއަށް ދާންޖެހޭކަމަށެވެެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބުނު އިރު އެމަނިކުފާނު ނިކުންނެވީ އެމްޑީޕީގެ މެނިފެސްޓޯއާ އެކުކަމަށެވެ. އެހެންނަމަވެސް އިތުރު ޕާޓީތަކާއި އެކު ކޯލިޝަން ހަދަންޖެހުމުން އެޕާޓީތަކުން އެދުނު މެނިފެސްޓޯއަކަށް ތާއީދުކުރެއްވީ ކަމަށެވެ.
އެހެންނަމަވެސް ނިޒާމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އަދާލަތު ޕާޓީއާއި އެމްއާރްއެމުން ތާއީދުކުރެއްވި ކަމަށާއި، އެކަމަށް ތާއީދުނުކުރީ ޖޭޕީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކީ ކަމަކާމެދު ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދެނެގަތުމަށް ކުރާކަމެއް ކަމަށާއި، އެކަން ނުކޮށް ވަކިކަމަކަށް ތާއީދު އޮތްކަމަށް ނުބުނެވޭނެކަމަށެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ މުހިންމު އަދި ރަނގަޅު ކަމެއްކަމަށް ވިދާޅުވިއެވެ.