ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ އިސްމެޖިސްޓްރޭޓް ހިޝާމް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެއްގެ ޚަސްމަކާ ބައްދަލުކުރިކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާތީ، ސެޕްޓެންބަރު 01 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 66 ވަނަ ޖަލްސާގައި މި މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާކަމަށެވެ.
ފަނޑިޔާރު ހާޝިމް، މޭޔަރު ނިޒާރާއި ބައްދަލުކުރައްވާފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެ ސަރަހައްދުން ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
މި މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ގޯތީގެ މައްސަލަ ކޯޓަށް ވެއްދި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ. އެގޮތުން އެ ފަރާތުން ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ވަނީ މޭޔަރު ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، ކޯޓުގެ އިސް ފަނޑިޔާރު އަލީ ހާޝިމް އާއި ބައްދަލުކުރެއްވި ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީ ކައުންސިލަކީ މިވަގުތު ކޯޓަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކެއްގެ ހަސްމެއްކަމަށްވާއިރު ފަނޑިޔާރަކު އެ ގޮތަށް ކައުންސިލުގެ އިސް ފަރާތްތަކާ ބައްދަލު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު ކަމެއް ކަމަށާއި އެހެންކަމުން އެ ފަނޑިޔާރުގެ މައްސަލަ ބަލައިދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.