Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ޖޫނިއަރ ކޮލެޖް، ޓިވެޓް ސެންޓަރ އަދި ޕޮލިޓެކްނިކް ދަނާލާއެކު ތަރައްޤީ ކުރުމަށް ހުޅުވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން - ފޮޓޯ: މިހާރު

ޖޫނިއަރ ކޮލެޖް، ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރ އަދި ޕޮލިޓެކްނިކް ދަނާލާއެކު ތަރައްޤީ ކުރުމަށް ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޖޫނިއަރ ކޮލެޖްތަކާއި، ޕޮލިޓެކްނިކަކާއި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުސޫލުން ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމެވުމުން އެކަމުގެ އަމަލީ މަސައްކަތް ފެށި މިހާރު ވަނީ ޓެންޑަރކުރުމުގެ މަރުހަލާގައި ކަމަށެވެ.

އެގޮތުން، ޓެންޑަރ ކާމިޔާބުކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި، އިމާރާތްކޮށް، ހިންގާގޮތަށް ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް އުސޫލުން ދަރިވަރުން ތިބޭނެ ދަނާލާއެކު މި މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތްކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދައުވަތު، ޓެންޑަރ ބޯޑް މެދުވެރިކޮށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަކަށް ހުޅުވާލެވިފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.

ޖޫނިއަރ ކޮލެޖް އެޅުމަށް ހަމަޖެހިފައިވަނީ ނ.ކެނދިކުޅުދޫ އާއި ހ.އ ދިއްދޫގައެވެ. ހ.އ ދިއްދޫގައި ކިޔަވައިދިނުމަށް ޚާއްސަކުރެވިފައިވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. ނ. ކެނދިކުޅުދޫގައި ޚާއްސަ ކުރެވިފައިވަނީ މަތީ ފެންވަރުގެ ޓޫރިޒަމް ދާއިރާއިން ތަމްރީން ދިނުމަށެވެ. ޖޫނިއަރ ކޮލެޖުތަކަކީ ސާނަވީ ސްކޫލް ނިންމާ ދަރިވަރުންނަށް މަތީތަޢުލީމާއި ތަމްރީންގެ ފުރުޞަތު ފަހިކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބިނާކުރާ މަތީސާނަވީ ފެންވަރުގެ މަރުކަޒު ތަކެކެވެ.

ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރު އެޅުމަށް ހަމަޖެހިފައިވަނީ ރ.އަލިފުށްޓާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި ސިޓީގައެވެ. އަދި ޕޮލިޓެކްނިކް އެޅުމަށް ހަމަޖެހިފައިވަނީ ކ.ތުލުސްދޫގައެވެ. ފުވައްމުލަކު ޓިވެޓް ސެންޓަރުގައި ކިޔަވައިދިނުމަށް ސިވިލް އިންޖިނިއަރިންގަ އަދި އެންވަޔަރމެންޓަލް ސައިންސް ޚާއްސަ ކުރެވިފައިވާއިރު ކުޅުދުއްފުށި ޚާއްސަކުރެވިފައިވަނީ އިންޖިނިއަރިންގ އަދި އިލެކްޓްރޯނިކްސް ދާއިރާއަށެވެ. ރ.އަލިފުށީގައި ބޯޓް ބިލްޑިންގް ދާއިރާއިން ކޯސްތައް ހިންގަން ޚާއްސަވެފައިވާއިރު ކ.ތުލުސްދޫ ޚާއްސަ ކުރެވިފައިވަނީ ޓްރެވެލް ، ޓޫރިޒަމް އެންޑް ލެޝަރ ގެ ދާއިރާއިން ކޯސްތައް ހިންގުމަށެވެ.