Last Updated: April 20, 10:54
Saturday, April 20, 2024
ރިޕޯޓް އެމްޑީޕީ

ސިޔާސީ ވިއަސް އަމިއްލައަށް ތިއްބަވަންވީމަ ޖޭއެސްސީ މިނިވަން؟!

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން:-ޖޭއެސްސީ މިނިވަންކުރުމުގެ ވައުދު އަދިވެސް އޮތީ ނުފުދި

ޝަރުއީ ދާއިރާ އިސްލާހްކުރުމުގެ ވާހަކަ އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން ދެއްކިއިރު އެންމެ ބާރަށް ދެއްކި ވާހަކައަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) މިނިވަންކުރުމުގެ ވާހަކައެވެ. ސިޔާސީ ނުފޫޒުން އެތަން ސަލާމަތްކުރަން ޖެހޭ ވާހަކަ އެވެ.

ޖޭއެސްސީގެ ކޮމްޕޮސިޝަން ނުވަތަ އެ ކޮމިޝަން އެކުލަވާލާފައިވާ ގޮތް ބަދަލުކުރަން ގާނޫނު އިސްލާހްކުރުމުގެ ވާހަކައަކީ ރިޔާސީ ވައުދެއްވެސްމެ އެވެ. ނަމަވެސް ވެރިކަން ލިބި އެމްޑީޕީގެ ސުޕަރމެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތްއިރު މިހާތަނަށް ވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދޭތަނެއްނުފެނެ އެވެ.

ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ސިޔާސީ ވަކި ފިކުރަކަށް ނުވަތަ އޭރު އޮންނަ ސަރުކާރަކަށް ކޮމިޝަނުގެ ބާރު ލިބެ އެވެ. ޖޭއެސްސީ އޮތް ގޮތް ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީން އެންމެ ބޮޑަަށް ވާހަކަ ދެއްކިއިރު އޭރު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމިންގެ ފުލް ކޮންޓްރޯލް އެ ކޮމިޝަނުގައި އޮތެވެ.

ޖޭއެސްސީއަށް މަސީހް އައްޔަން ކުރައްވައި، ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމިން މަސީހް އާ ބައްދަލު ކުރައްވަނީ

ރައީސް ޔާމިންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުމުން މިނިވަން މުވައްސަސާއެއްގެ ގޮތުގައި ހިނގަން ޖެހޭ ޖޭއެސްސީ އޮތީ އޭރުގެ ސަރުކާރުން ހިސޯރުކޮށްފައި ކަމަށް ބުނެވިދާނެ އެވެ. ފަނޑިޔާރުން ސަރުކާރުން ބޭނުންވި ގޮތަކަށް ހުކުމްކޮށް ސިޔާސީ ކުޅިގަނޑު ކޯޓުތަކުގައި ފަނޑިޔާރުން ކުޅެމުންދިޔައީ ޖޭއެސްސީގެ ނިވާފަތްގަނޑުގައި ތިބެގެންނެވެ. ޕީޕީއެމްގެ ހިތް ރުހެންޏާއި ޖޭއެސްސީއަކުން އަޅާނެ ފިޔަވަޅެއް ނެތްކަމުގެ ޔަގީންކަމާއެކު ފަނޑިޔާރުން އުޅެމުންދިޔަ އެވެ.

މިހާރުވެސް ޖޭއެސްސީ އެތުރިފައިވާ ގޮތުން ސިޔާސީ ނުފޫޒުން އެތަން ސަލާމަތެއްނުވެ. ކޮމިޝަނަށް ވަޑައިގެންނެވި ހަސިއްޔަތު ތަފާތަކަސް ތިއްބެވީ ސިޔާސީ ޕާޓީއެއްގެ ނުފޫޒުގަދަ ބޭފުޅުންނެވެ. އެހެންވެ މިހާރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަނީ އޭރު ޖޭއެސްސީ މިނިވަންކުރަން މަސައްކަތެއް ނުކޮށް މި ސަރުކާރުން އޮންނަ އޮތުމަށެވެ.

ޖޭއެސްސީއަށް ހިސާން އައްޔަން ކުރައްވައި، ބޭއްވި ރަސްމިޔާތުގައި ރައީސް ސޯލިހް ހިސާންއާ ބައްދަލު ކުރައްވަނީ

ސަރުކާރުން އަދިވެސް ވިސްނަނީ ގެންނާނެ ބަދަލަކާމެދު ކަމަށް ވިދާޅުވުމުން އެކަމުގައި ސަރުކާރުގެ ސީރިއަސްކަމެއް ނެތްކަން ދޭހަވެ އެވެ. ޖޭއެސްސީ ބަދަލުކުރާނެ ކަމަށް ވީ ވައުދު ނުފުއްދި ގިނަ ދުވަސްވެފައިވާކަން ސަރުކާރުގެ އަމިއްލަ އިއުތިރާފުން ވެސް ސާބިތުވެ އެވެ.

"އެއީ ހަމަގައި ވެސް މި ދައުރު ތެރޭގައި ކޮށްނިންމާނެ ކަމެއް. ޖޭއެސްސީގެ ކޮމްޕޮސިޝަން ގެންނަން ޖެހޭ ބަދަލު ގެންނާނެ. އަދި އެ ބަދަލު ގެންނަނީ އެންމެނަށް އިތުބާރު ލިބޭ ގޮތައްކަންވެސް ކަށަވަރުކުރާނެ،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައި ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިހެންވެ.

މިހާރު ޖޭއެސްސީގައި ސިޔާސީ ކުލަ ޖެހިފައި އޮތީ ކިހާވަރަކަށް؟

ހިސާން ހުސެއިން (ޖޭއެސްސީގެ ރައީސް)
ހިސާން އަކީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެޖޯރިޓީން އެކޮމިޝަނަށް އައްޔަން ކުރައްވާފައިވާ މެމްބަރެވެ. އޭގެ އިތުރުން އޭނާ އަކީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރެވެ. އަދިއެހެންމެ އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނޫނީ ގާނޫނީ ވަކީލުން ތެރެއިންނެވެ.

މަސްތޫރުހުސްނީ (ކޮމިޝަނުގެ ނައިބު ރައީސް)

މަސްތޫރަކީ ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޖޭއެސްސީގައި ހުންނަވާ ބޭފުޅާ އެވެ. ރައީސުލް ޖުމްހޫރިއްޔާ ޖޭއެސްސީގައި ބޭފުޅަކު ތަމްސީލް ކުރައްވާއިރު ރައީސް ސޯލިހަކީ މި ވަގުތު އެމްޑީޕީގެ އެންމެ ލީޑަރެވެ. ގާނޫނު އޮތް ގޮތުން މި ފަހަރު މި އޮތީ އެމްޑީޕީގެ އެންމެ ލީޑަރުގެ މަގާމުގައި ހުންނެވި ބޭފުޅާއަށްވެސް ޖޭއެސްސީގައި ބަސް ވިދާޅުވެވޭ ގޮތަށެވެ.

ރައީސް މުހައްމަދު ނަޝީދު
އިއްތިފާގުން ނަމަވެސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވަ އެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ރައީސެވެ. އެހެން ކަމުން މި ފަހަރު އެމްޑީޕީގެ ރައީސް ސީދާ ޖޭއެސްސީގައި ފަނޑިޔާރުންގެ ކަންކަމުގައި ބަސް ވިދާޅުވެން ފުރުސަތު އެބަ އޮތެވެ.

އާމިނަތު އުއްމުކުލްސޫމް
އާމިނަތު އުއްމު ކުލްސީމަކީ ރައްޔިތުންގެ މަޖިލީހުން އާއްމުންގެ ތެރެއިން އައްޔަންކޮށްފައިވާ މެމްބަރެވެ. އެއީ އެމްޑީޕީގެ ސުޕަރމެޖޯރިޓީން އިންތިހާބުކޮށްފައިވާ މެމްބަރެކެވެ.

އިބްރާހިމް އިއްފަތު (ބަންޑާރަ ނައިބު)

ގާނޫނު ބުނާގޮތުން ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނަވަންޖެހެ އެވެ. ކަންދިމާކުރި ގޮތުން ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވީ ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އެއީ މީގެ ކުރިން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވި އެމްޑީޕީގެ ފިކުރުގެ ބޭފުޅެކެވެ. އެއީ އިއްތިފާގަކަށްވިއަސް ޖޭއެސްސީގައި މި ވަގުތު އެ ބޭފުޅާގެ ބަސްހިމެނެ އެވެ.

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން:-އެތަން އޮތީ އަދިވެސް ސިޔާސީ ނުފޫޒު ފޯރުވޭ ގޮތައް

މީގެ އިތުރުން ދެން އެ ކޮމިޝަނުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އަބްދުލް މާނިއު ހުސެއިން އަކީވެސް އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅެއްކަން އެ ބޭފުޅާ ފާޅުކުރައްވާފައިވާ ސިޔާސީ ޕޯސްޓްތަކުން ހާމަވެގެން ގޮސްފައިވެ އެވެ.

އެހެން ކަމުން ގާނޫނުގެ ބާގަނޑުތެރެއިން ނަމަވެސް މިހާރު އޮތް ޖޭއެސްސީއަކީވެސް ސިޔާސީ ނުފޫޒު ކުޑަ ކޮމިޝަނެކޭ ބުނެވޭކަށް ނެތެވެ.

ޖޭއެސްސީ މިނިވަންކުރުން އެއީ މިހާރުގެ ސަރުކާރާއި އެމްޑީޕީން މާބޮޑަށް ދައްކާ ވާހަކައަކަށް ނުވަނީ މިހެންވެ ކަމަށްވެދާނެ އެވެ. ޖޭއެސްސީ އެގޮތައް އޮއްވާ ފަނޑިޔާރުންނަށް މިނިވަންކަމާއެކު ހުކުމް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެއްވި ބޭފުޅުން މިއަދު ބާރު ލިބުމުން އެކަމަށް މާބޮޑު ސަމާލުކަމެއް ދޭތަން ނުފެނެ އެވެ. ބޮޑެތި ތުހްމަތުތައް ކުރެވި ރައްޔިތުންގެ އިތުބާރު ގެއްލިފައި ތިބި ފަނޑިޔާރުން ވަކިކުރުމަށްފަހުވެސް ފެންނަނީ ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުނުކޮށް އެތަން ހިނގަނީ މިނިވަންކަން ދެއްކުމަށް މަސައްކަތް ކުރައްވާ ތަނެވެ.

ސަރުކާރަށް ތިން އަހަރުވުމާ ކައިރިވެފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ އެކަން ދައުރު ނިމުމުގެ ކުރިން ސަރުކާރުން ކުރާނެ ކަމަށެވެ. ރައީސް ސޯލިހަށް ރައްޔިތުންގެ މަޖިލީހުގެ ފުލް މެޖޯރިޓީ އޮވެ އެކަން ނުކުރައްވާ ލަސްކުރެއްވުމަކީ އޭރު ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކައާ ނުބައްދަލު ވާހަކަ އެކެވެ.

ރައީސް ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވީ ޖޭއެސްސީ ހިނގަމުންދަނީ ރަނގަޅަށް ކަމަށެވެ. އެ ކޮމިޝަނުގެ ކޮމްޕޮސިޝަން ބަދަލުކުރުމުގެ މާބޮޑު ސަމާލުކަމެއް އެމަނިކުފާނުވެސް މިހާރު ނެތްކަން ދޭހަވެ އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އެތައް ބިލެއް މިހާރުވެސް އޮތްއިރު ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކުރަން ހުށައަޅާފައިއެއްނުވެ އެވެ. އެހެން ކަމުން އެއީ ރިޔާސީ އިންތިހާބުގައި ބަޔަކު ރުއްސަން ނުވަތަ އެ ބާރު އޭރު ނެތުމުން ދެއްކި ވާހަކަތަކެއްކަމަށް ބައެއް މީހުން ސިފަކުރެ އެވެ. އެއީ ރައީސް އަބްދުﷲ ޔާމިނަށް އޮތް ބާރު ޖޭއެސްސީ ތެރެއިން މި ސަރުކާރަށް ފުރޮޅުނީމަ ދެން އެތަނުގައި ތިބޭ ތިބުމަށް ބުނާ އެއްޗެއް ކަމަށް ވެދާނެ އެވެ.