ދަރިވަރުންނަށް ކިޔަވައިދޭ ބައެއް ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރި މައްސަލައިގައި ފޮތްތައް ޕްރޫފް ރީޑް ކުރުމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޤުރުއާން އަދި އިސްލާމް ބައެއް ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރި މައްސަލައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މައްސަލަތަކެއް ހުރި ހަތަރު ފޮތެއް ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތަކަކީ 2018 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއްކަމަށާއި، ގްރޭޑް 2 ގެ ފޮތަކީ 2015 ވަނަ އަހަރު ނިންމާ އޭރުގެ އިސްލާމިކް މިނިސްޓްރީން ޗެކްކޮށް ފާސްކޮށްފައިވާ ފޮތްތަކެއްކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ފޮތްތައް ޗާޕުކުރަނީ އެންއައިއީ އަދި އިސްލާމިކް މިނިސްޓްރީން ފޮތްތައް ބަލާ ޗެކްކުރުމަށް ފަހުކަމަށެވެ. އެހެންކަމުން ފޮތްތަކުގައި މައްސަލަ ދިމާވި ސަބަބުން ދެނެގަތުމަށް މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މައްސަލަތައް ހުރީ ފޮތްތައް އެކުލަވާލުމަށްފަހު ޕްރޫފް ރީޑް ކުރުމުގެ ދެ މަރުހަލާގައި އެންމެ އެކަށީގެންވާ ވަރަށް ބެލިފައި ނުވާތީ ކަމަށެވެ. އެހެންކަމުން މިކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަސް ކޮމިޓީއެއް އެކުލަވާލާފްއިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަކަމެއް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް މިހާރު ފޮތްތައް ޕްރޫފް ރީޑް ކުރުމުގައި އިތުރު މަރުހަލާއެއްވެސް ހިމަނާފައިވާކަމަށެވެ.
މީގެއިތުރުންވެސް މި ޕްރެސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުން ކިޔެވުމުގެ ކަންކަން އަދި ފޮތްތަކުގައު ފާހަގަކުރެވޭ މައްސަލަތަކުގެ ކަންކަން ސިޔާސީ ކަމަކަށް ނެހެދުމަށް އެދިފައެވެ.