Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އެލްޖީއޭގެ ބޯޑަށް ތިން މެމްބަރުން އައްޔަނު ކުރުމަށް ރުހުންދީފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ތިން މެމްބަރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެލްޖީއޭގެ ބޯދަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަސް ނަމެއް މަޖިލީހަށް ފޮނުވާފައިވެއެވެ. މަޖިލީހަށް ހުށަހަޅާފައިވާ ފަސް ނަމަކީ، އަޒްހާ ޒަމީރު މ.ލިލީޒް، އައިމިނަތު އަލީ ދަފްތަރު ނަންބަރު 2874، ފާތިމަތު ނިއުމާ ގ. ހިމަލިޔާގެ، ފާތިމަތު ޒީނާ އަލީ ހ.ރައިޒިން ސަން އަދި އައިޝަތު ޝީޒާ ޝާޒީބިން، ބ.ކެންދޫ އެވެ.

މިބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ބޯޑަށް އައްޔަނު ކުރަންޖެހޭ ތިން މެމްބަރުންކަމަށް ލާމަރުކަޒީ ކޮމިޓީން ރުހުން ދީފައިވަނީ އަޒްހާ ޒަމީރު / މ. ލިލީޒް އާއި، ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ އަދި ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން އަށެވެ.

މި ތިން ބޭފުޅުން ބޯޑަށް އައްޔަނު ކުރަނީ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތަކާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތެއްގެ އިތުރުން މަދަނީ ޖަމިއްޔާއެއްގެ މެންބަރެއްގެ ގޮތުގައި ބޯޑަށް އައްޔަނު ކުރަންޖެހޭ މެމްބަރުންގެ ގޮތުގައެވެ.

މި ބޭފުޅުންގެ ތެރެއިން އަޒްހާ ޒަމީރު އަދި ފާތުމަތު ނިއުމާ އެލްޖީއޭގެ ބޯޑަށް އައްޔަނު ކުރުމަށް ރުުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ ވޯޓުންނެވެ. އަދި ފާތިމަތު ޒީނާ ބޯޑަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 42 މެމްބަރުންގެ ވޯޓުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެންވަނީ 9 މެމްބަރުންގެ މައްޗަށެވެ.