Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އަތޮޅުވެރިންނާ ކަތީބުން ތިބިއިރު މާ ރަނގަޅު: ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގައި އޮތް ކަތީބު ނިޒާމު މާ ރަނގަޅު ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަނު ކުރުމަށް ލާމަރުކަޒީ ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިހާރު ދިމާވާ މައްސަލަ ސާފުވެފައިވާކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަކިވަކި ސަރުކާރުތައް މިހާރު އުފެދިފައިވާކަމަށެވެ.

ޖާބިރު ވިދާޅުވީ ޤާނޫނުގެ ދަށުން ކައުންސިލްތައް އިންތިހާބު ކުރެވިފައިވާއިރު އެ ކައުންސިލްތަކުގެ ތެރޭގައި ހުރި މައްސަލަތައް ރަނގަޅަށް ބެލެންޖެހޭކަމަށެވެ. އެގޮތުން ކައުންސިލްތަކުގައި ގިނަ ޕާޓީ އެކުލެވޭ މެމްބަރުން ތިބުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްދިނުމުގައާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ތުރާލަކަށް ވެފައިވާކަމަށެވެ.

"ކުރީގައި އަތޮޅުވެރިކަމާއި ކަތީބުކަން އޮތްއިރު މާ ރަނގަޅުކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ. އޭރު ކޮންމެވެސް ކޮންޓްރޯލެއް ސެންޓްރަލް ގަވަމެންޓްގައި އޮތް. މިހާރު ގަވަމެންޓްގެ ބާރުވެސް ކެނޑިގެން މިދިޔައީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިއަދު ސަރުކާރުގެ ބާރު ކައުންސިލްތަކަށް ނުހިނގާއިރު އެޖްލީއޭގެ ކޮންޓްރޯލްވެސް ކައުންސިލްތަކަށް ހިނގާކަމަށް ގަބޫލުނުކުރާކަމަށެވެ. އަދި ވިދާޅުވީ މިހާރު ކައުންސިލްތަކުން ކަންކުރާގޮތުން ވިޔަފާރި ކުރާ މީހުންނަށްވެސް ގިނަ އުނދަގޫތަކެއް ކުރިމަތިވާކަމަށާއި، އެގޮތުން ކުރިން ހަދާފައިވާ އެއްބަސްވުުންތަކަށްވެސް ކައުންސިލްތަކުން ހަދަނީ ހިތުހުރި ގޮތެއްކަމަށެވެ.

"މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ހަދާފައި އޮންނަ އެގްރިމެންޓް، އެ އެގްރިމެންޓްގެ މައްޗަށް މިނިސްޓްރީގެ ބާރެއް ނުހިނގާ. އަދި މިނިސްޓްރީން ކަމެއް ކުރަން ނިންމާގަޑީގަ ކައުންސިލުން ބުނަނީ ކައުންސިލުންނޭ ކަންތައްތައް ކުރާންޖެހޭނީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮންނަންޖެހޭނީ ޔުނިޓަރީ ދައުލަތެއްކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު މިހާރު އޮތީ ފެޑަރޭޝަނަކަށް ބަދަލުވެފައިކަމަށެވެ.