Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އާހިދު އައްޔަނު ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަހްމަދު އާހިދު ރަޝީދު އައްޔަނު ކުރައްވައިފިއެވެ.

އާހިދު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުުން ރުހުން ދީފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުއެވެ.

އާހިދު މަގާމުގެ ހުވާ ކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަޤާމެވެ. އާހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ލީގަލް އެޑވައިޒަރގެ މަޤާމާއި، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުންވެސް އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރގެ މަޤާމާއި، މޯލްޑިވްސް ވޮލަންޓިއަރސް ކޯޕްސްގެ ސީއީއޯގެ މަޤާމު ވެސް އާހިދު ވަނީ ފުރުއްވާފައެވެ.

އާހިދަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަރ ޔުނިވަރސިޓީއިން ބެޗެލަރ އޮފް ލޯ ވިޗް އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.