ށ. ފީވަކުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.
އެގޮތުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްކަމަށާއި އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފީވަކަށް ގެންދެވިފައިވާކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން ފީވަކުގައި 9.17 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވ ެސް މައުލުމާތު ދީފައިވެއެވެ.
ފީވަކުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ ޖުމްލަ 49,603,418.19 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ މުއްދަތަކީ 450 ދުވަހެވެ.