ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށްދަމުން އަންނަކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް (މީން ސީ ލެވެލް) ފުނަށް، އައު ހާބަރ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަސައްކަތުގައި "ޖައްރާފާ 3" ދެ ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މި މަޝްރޫއުއަކީ 68.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.