Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އަލިފުށީ އެއާޕޯޓަކީ ހަސަނަށް ގޯނާކޮށް، "ޅިޔަނަށް" ކަމެއްކޮށްދޭން ކުރާކަމެއްކަމަށް އެމްޑީޕީން ބުނޭ: ސައީދު

ރ. އަލިފުށީ އެއާޕޯޓަކީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދަށް ގޯނާކޮށް "ޅިޔަނަށް" ކަމެއް ކޮށްދިނުމަށް ކުރާކަމެއްކަމަށް އެމްޑީޕީގެ ތެރެއިން ބުނަމުން އަންނަކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެމިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވެރިކަމަށް އަންނަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށްވީއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަކުރެވެނީ ކެމްޕޭނަށް ވައުދުވެ ވައުދު ނުފުއްދާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ގައުމީ ތަރައްގީގެ މާބޮޑު ފޯކަސްއެއް ރައީސް ސޯލިހް ނުގެންގުޅުއްވާކަމަށާއި، އެކަމުގެ މިސާލަކަށް ރ. އަލިފުށީގައި އަޅާނެކަމަށްބުނި އެއާޕޯޓް ފުދޭކަމަށެވެ.

ސައީދު ވިދާޅުވީ އަލިފުށީ އެއާޕޯޓަކީ ބަޖެޓްގައި ޖަހައިފައި އޮތްކަމެއް ނޫންކަމަށާއި، މިކަމަށް ފައިސާ ހޯދާނެގޮތްވެސް ކިޔައިދެވިފައިނުވާކަމަށެވެ. އަދި އެ އެއާޕޯޓަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވަކި މެމްބަރަކަށް ގޯނާކޮށް "ޅިޔަނަކަށް" ކަމެއް ކޮށްދިނުމަށް ކުރާކަމެއްކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"ޕާޓީގެ އެތެރޭގެ އިންތިހާބެއްގަ މެމްބަރު ހަސަންއަށް ގޯނާކޮށްލުމަށްޓަކައި، ޅިޔަނަކަށް [އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން] ކަމެއް ކޮށްދިނުމުގެ ގޮތުން ކުރާކަމެއްކަމަށް، ތިބޭފުޅުންތި ވިދާޅުވަނީ އެމްޑީޕީން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިގްތިސާދު ދަށުގައި އޮތްކަމަށް ބުނުމަށްފަހު ބަޖެޓްގައި ނެތި އެއާޕޯޓެއް އެޅުމަށް ބުނުމަކީ އެ ރައްޔިތުންނަށްވާ ބޮޑު އޮޅުވާލުމެއްކަމަށެވެ.

އަލިފުށީ އެއާޕޯޓްގެ މައްސަލައިގައި ސަރުކާރަށް ބައެއްފަރާތްތަކުން ފާޑުކިޔަމުން އަންނައިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަތުރުފުޅެއްގައި އަލިފުށި ހިމެނޭގޮތަށް ރ. އަދި ށ. އަތޮޅަށް ދަތުރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.