Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ފައިރޫޝް ހުރީ ބަޣާވާތްކޮށްގެން، ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްގެންނުވާނެ: ހަސަން ލަތީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން 7 ފެބްރުއަރީ 2012 ގައި ބަދަލުކުރިއިރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ހުރީ ބަޣާވާތެއް ކޮށްގެން ކަމަށާއި، އެފަދަ މީހަކު ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކޮށްގެން ނުވާނެކަމަށް ހެންވޭރު އުޅަންގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވަނީ ޑރ. ފައިރޫޝް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރި މައްސަލަ 241 ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ހަސަން ލަތީފް ވިދާޅުވީ މީހަކު ޝަރަފްވެރިކަމާ އެކު ރިޓަޔަރ ކުރާއިރު ބަލާލަންޖެހޭކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފައިރޫޝް ރިޓަޔަރ ކޮށްފައިވަނީ މިހާރުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ކުރީގެ ޤާނޫނުގެ ދަށުންކަމަށް ހަސަން ވިދާޅުވިއެވެ. އެހެންނަމަވެސް އޭރު ފަހުގެ ޤާނޫނު ފާސްކުރެވިފައި އޮތްކަމަށާއި، އާ ގާނޫނު ފާސްވެފައިވަނިކޮށް އެ ގާނޫނުގެ މަފްހޫމުތަކާ ތައާރަޒުވާގޮތަށް ކަމެއްކޮށްގެންނުވާނެކަން ހަސަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ހަސަން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަޣާވާތަކުން 7 ފެބްރުއަރީ ގައި ބަދަލުކުރިއިރު ފައިރޫޝް ހުރިތަނާއި ކޮށްފައިވާކަންކަން ވީޑިއޯ އަދި އޯޑިއޯތަކުން އެގެން އެބަހުރިކަމަށެވެ. ޤާނޫނީ ސަރުކާރެއް ހިނގަނިކޮށް، ޤާނޫނީ ގޮތުން އިންތިހާބު ކޮށްފައިހުރި ރައީސެއް އަދި ގާނޫނީ ގޮތުން އައްޔަނު ކޮށްފައިހުރި ޕޮލިސް ކޮމިޝަަނަރެއް ހުންނަވަނިކޮށް އަމިއްލައަށް ތިމަންނާއަކީ ފުލުހުންގެ ކޮމިޝަނަރުކަމަށް ފައިރޫޝް އިއުލާނު ކުރި ކުރުމަކީ ޤާނޫނާ ހިލާފަށް ކުރި ކަމެއްކަމަށާއި، އަދި އެއީ ބަޣާވާތްކުރުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ބަޣާވާތުގައި ފައިރޫޝްގެ އަމަލުތައްހުރިގޮތް މަޖިލީހުގެ ރިކޯޑްތަކުންވެސް އަދި އެހެން ވީޑީއޯތަކުންވެސް ފެންނަންހުރި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ޤާނޫނީގޮތުން ހިނގަމުންއައި ސަރުކާރެއް ހިނގަމުންއައި އިރު، ފުލުހުންގެ އޮފިސަރަކު ނިކުމެ ތިމަންނާ މިހިރީ މިހާރު މިކަމާ ހަވާލުވެކަމަށް ޑިކްލެއަރ [އިއުލާނުކުރުން] ކުރީމާ އެއީ ބަޣާވާތަކަށްވެސް އެބަވޭ، އަދި އޭނާ އެހެރީ ޤާނޫނާ ހިލާފުވެފައިކަން، އެއީ އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭ ހަގީގަތެއް."

ފައިރޫޝް އެދުވަހު އަމަލުކުރިގޮތް ރަސްމީ ލިޔެކިޔުންތަކުގައާއި ވީޑިއޯތަކުގައި ފެންނަންހުރިއިރު، އެފަދަ މީހަކު ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރެވިދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިންމާ ރިޓަޔަރ ކުރުމަކީ ކުރެވިދާނެކަމެއްކަމަށް ރައްޔިތުންނާއި އެމްޑީޕީންވެސް ގަބޫލުނުކުރާނެކަމަށް ހަސަން ވިދާޅުވިއެވެ. އަދި އެފަދަ މީހަކު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމަކީ ފުލުހުންގެ އިދާރާގައި ތިބި ޝަރަފުވެރިންނަށް ވެވޭ ބޭއިންސާފެއްކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ބަޣާވާތުގައި ބައިވެރިވެފައިހުރި އެއްވެސް މީހަކީ ޝަރަފުވެރިއެއްކަމަށް އެމްޑީޕީން ގަބޫލުނުކުރާނެކަމަށެވެ. އަދި އެމްޑީޕީގެ އެންމެ އިސްފަރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެފަދަ ކަންކަމާ ނުރުހޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ވަނީ ހޯމް މިނިސްޓަރު އިމްރާން މިފަދަ ކަންކަން ކުރުމުގައި ވަރަށް ސަމާލުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. މިފަދަ ނާތަހުޒީބު ރައްޔިތުން ސަރުކާރާމެދު ނުރުހުންވާނެފަދަ ކަންކަން ކުރުމަށް އެމްޑީޕީން އަދި ރައްޔިތުން ނޭދޭނެ ކަމަށްވެސް ވިދާޅުވިއެވެ.