Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އަދާލަތުގެ ސަަބަބުން ރާއްޖެ ފަސާދަވެއްޖެ، އެއީ ހަރުކަށި ފިކުރު ގެންގުޅޭ ބައެއް: ހުސައިން

މެމްބަރު ހުސައިން މުހައްމަދު ލަތީފް--

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސަބަބުން ރާއްޖެ ފަސާދަވެފައިވާކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސައިން މުހައްމަދު ލަތީފް މިފަދައިން ވިދާޅުވެފައިވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރި މައްސަލަ 241 ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެ ރިޕޯޓަށް ވާހަކަ ދައްކަވަމުން މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މި ރިޕޯޓުން އެނގެނީ މަދުބަޔަކު ކުރާ ކަމެއްގެ ސަބަބުން ރާއްޖޭގެ ގާނޫނީވެރިކަމަށް އަދި ޤާނޫނީ އިމުގެ ތެރެއިން ކުރަންހުރި މަސައްކަތްތަކަށް ބޮޑެތި ހުރަސްތައް އެޅިފައިވާކަންކަމަށެވެ.

މެމްބަރު ވިދާޅުވީ އަދާލަތު ޕާޓީގެ ސަބަބުން މުޅި ރާއްޖެ ފަސާދަވެފައިވާކަމަށާއި، "އެއީ ވަރަށް ހަރުކަށި ފިކުރެއް ގެންގުޅޭ ބައެއް" ކަމަށެވެ.

ދައުލަތުގެ އެންމެ މުހިންމު މަގާމުތަކުގައި އަދާލަތު ޕާޓީގެ މެމްބަރުންތިބިކަން ފާހަގަކޮށް މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އެ މަގާމުތަކުގައި ތިބެގެން ދައުލަތް ފުނޑާލާފައިވާކަމަށެވެ. 7 ފެބްރުއަރީގެ ބަޣާވާތުގެ އަޑީގައި އަދާލަތު ޕާޓީން އޮތްކަމަށާއި އަދި އެކަމުގައި ނަން ކިލަނބުވެފައިވާ ބައެއް ފަރާތްތަކުގެ ނަން އަދާލަތު ޕާޓީން ސާފުކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

މިގެއިތުރުން މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މި ރިޕޯޓަށް ބެލުމުން ރާއްޖޭގައި ޝަރަފުވެރިކަމާއެކު މަސައްކަތްކުރާ ފަރާތްތަކަށް ހައްގު ނެތްކަން އެނގޭކަމަށެވެ.