Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ކުޅުދުއްފުށީގައި އޮޑިޓަރ ޖެނެރަލްގެ އުތުރު ސަރަހައްދީ އޮފީސް ހުޅުވައިފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީސް ކުޅުދުއްފުށީ ސިޓީގައި ހުޅުވައިފިއެވެ.

މި އޮފީސް ކުޅުދުއްފުށީގައި ހުޅުވާފައިވަނީ އިއްޔަ ބޭއްވި ރަސްމިއްޔާތުގައެވެ. އޮފީސް ހުޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި ޝަރަފްވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޔާސިރު ޢަބްދުލް ލަތީފެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާސިރު ވަނީ މާލީ ކަންކަން ހަރުދަނާ ކުރުމަށް ޕަބްލިކް ފައިނޭންސް މޮނިޓަރިންގގެ މުހިއްމު ކަމަށް އަލި އަޅުއްވާލައްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އުތުރު ސަރަޙައްދީ އޮފީހެއް ހުޅުވުމަކީ ކުރީގެ އޮޑިޓަރ ޖެނެރަލް އަލްމަރުޙޫމް އިސްމާޢިލް ފަތުޙީ އެތަކެއް އަހަރެއް ކުރިން ދެކެވަޑައިގެންނެވި ހުވަފެން ތެދު ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ.

އުތުރު ސަރަހައްދީ އޮފީސް ހުޅުވުމުން އުތުރުގެ އަތޮޅުތަކުގެ ސަރުކާރުގެ އިދާރާތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރާނީ އެ އޮފީހުންނެވެ. އަދި މި އޮފީސް ހުޅުވުމާ ގުޅިގެން މިހާރު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނާއި އުތުރުގައި ސަރަޙައްދީ އޮފީސް ވަނީ ގާއިމް ކުރެވިފައެވެ.