އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވަނީ މައްސަލަ ރަނގަޅަށް ނުބަލާ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފައިރޫޝް ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 36 މެމްބަރުންގެ ވޯޓާއި އެކުއެވެ.
ފައިރޫޝް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރި މައްސަލަ ބެލުމަށް 241 ކޮމިޓީއަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ އަލަށް ތަސްދީގު ކުރެވުނު ފުލުހުންގެ އާ ޤާނޫނަށް ޢަމަލުކުރަން ނުފަށަނީސް އިސްތިއުފާ ނުދެއްވޭނެކަމަށެވެ. ފުލުހުންގެ އާ ގާނޫނު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ފައިރޫޝް ރިޓަޔަރ ކުރި މައްސަލައިގައި ކޮމިޓީ ރިޕޯޓުގައި ހުށަހެޅުމުގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ ކަމެކެވެ. އެއީ މިމައްސަލައިގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތުހުމަތުތަކަކީ އާންމު އިޖުތިމާއީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެއް މަގާމުން ރިިޓަޔަރ ކުރުމަށް އެދުމުން، އެފަދަ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގައި އެ ތުހުމަތުތަކަށް ރިއާޔަތްކުރުމަށް ފުލުހުންގެ ހިދުމަތުގައި ދެނެވުމަށެވެ.
އަދި ކުރިއަށްއޮތްތަކުގައި މި ބާވަތުގެ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށާއި، އެކަމުގައި އަމަލުކުރެވޭނެ ގޮތް ހަރުދަނާކުރުމަށްޓަކައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ނުވަތަ ގަވައިދެއް ހަދައި އެ ގަވާއިދަށް އަމަލުކުރަމުން ގެންދިއުމަށާއި، އަދި އެ ގަވައިދު ތައްޔާރުކޮށް ނިންމުމުން އެކަން 241 ކޮމިޓީއަށް ހުށަހެޅުމަށް ފުލުހުންގެ ހިދުމަތުގައި ދެންނެވުމަށެވެ.