ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދަމުން އަންނަކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 68 ޕަސެންޓް ނިމިފައިވާކަމަށާއި، މި މަޝްރޫއުގެ ދަށުން، މިހާރުކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ހުޅުދޫ ބަނދަރު މަޝްރޫއުއަކީ 65.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.