ހދ.ނޮޅިވަރަމްގައި ކޯވިޑްގެ ހާލަތު ގޯސްވެ، ބަލިމީހުން އުފުލުމަށް އެމްބިއުލާންސެއް ނެތުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.
ނަޝީދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ކޯވިޑް-19ގެ ޙާލަތުގައި ތިލަދުންމަތީ ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. ނޮޅިވަރަމުގައި މިއަދާ ހަމައަށް ކޯވިޑު ބައްޔަށް 202 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެރަށު ސިއްހީމަރުކަޒުގައި ދުއްވާނެ އެމްބިއުލާންސެއް ނެތްކަމަށާ، ސިއްހީމަރުކަޒުގައި ބަލިމީހުން އުފުލަން ބޭނުންކުރަމުން ދަނީ ޕިކަޕެއްކަމަށް ބުނެފައިވެއެވެ.
މިކަމަކީ ބަލިމީހުންނަށް އެންމެ ރައްކާތެރިގޮތެއް ނޫންކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ވަނީ މިކަމަށް ހައްލެއް ހޯދުމަށް އިންތިހާއަށް ބޭނުންވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނަށް އެންމެ ރައްކާތެރިވާނެފަދަ ވެހިކަލެއް ވީހާވެސް އަވަހަކަށް ސިއްހީމަރުކަޒަށް ހޯދައި ދިނުމަކީ އަދުގެ މަސްރަހު ގޯސްވެފައިވާ ހިސާބުން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަމަށް ބުނެފައިވެއެވެ.