Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ގާސިމަކީ ބޮޑުވަޒީރުކަން ކުރުމަށް ވަރަށް ރަނގަޅު ބޭފުޅެއް: ރައީސް ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރުކަން ކުރުމަށް ވަރަށް ރަނގަޅު ބޭފުޅެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލާ ޕެޓިޝަނެއް ސޮއިކުރަމުންދާ ދަނޑިވަޅެއްގައި އެކަމަށް އަދި ބަރުލަމާނީ ނިޒާމަށް ގާސިމް ފާޑުވިދާޅުވެފައިވަނިކޮށެވެ. ޤާސިމާއި ގުޅޭގޮތުން ރައީސް ނަޝީދު މިވާހަކަ މިގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައެވެ.

އެގޮތުން އެ ގްރޫޕުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް)ވަނީ ގާސިމަކީ ބޮޑުވަޒީރުކަން ކުރެއްވުމަށް ގާބިލު ބޭފުޅެއް ކަމަށާއި، ގާސިމަށް ރާއްޖެއަށް ކޮށްދެވޭނެ އެންމެ ބޮޑުކަމަކީ އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދިނުންކަމަށް ވިދާޅުވެފައެވެ.

ދޮންބިލެތްގެ ވާހަކަތަކަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދެކޮޅުހައްދަވާ ވަނީ ޤާސިމަށް ބޮޑުވަޒީރުކަން ދިނުމަށް އެއްބަސްނުވާނެކަމަށް ވިދާޅުވެފައެވެ.

މިކަމުގައި ދޮންބިލެތް އަދި ބޮންޑޭގެ މެދުގައި ދިޔަ ވާހަކަތަކަށްފަހު ރައީސް ނަޝީދު ވަނީ ދޮންބިލެތްގެ ވާހަަކަތަކަށް ތާއީދު ކުރައްވާ ގާސިމަކީ ބޮޑުވަޒީރުކަން ކުރުމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޤާސިމް ވިދާޅުވީ ބޮޑުވަޒީރުކަމުގެ ބަދަލުގައި ޕިއޯނުކަން އެމަނިކުފާނަށް ދޭން ވެސް އެމްޑީޕީން އެއްބަސް ނުވާނެ ކަމަށާއި އަދި އެވަރު ދިނަސް ވަރަށް ރަނގަޅު ބަޔަކަށް ވާނެ ކަމަށެވެ.