Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބި، ބަޖެޓްގައި ނެތް އެއާޕޯޓެއް އަޅާތީ ނުރުހުން ފާޅުކުރައްވައިފި

މެންބަރު މީކާއިލް އަހުމަދު ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލޭ ރައްޔިތުން ބޯހިޔާވަހިކަމެއް ނެތި ތިއްބާ ބަޖެޓްގައި ނެތް އެއާޕޯޓެއް ރ. އަލިފުށީގައި އަޅާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ނުރުހުން ފާޅުކުރައްވައިފިއެވެ.

މީކާއިލް މިފަދައިން ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެފައިވަ ވައުދުތައް ނުފުއްދާ މައްސަލައިގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ގައުމެއްގެ ސިފައިގައި ކަންކަމުގައި އިސްކަންދޭންޖެހޭ ތަރުތީބެއް އޮންނަންޖެހޭނެކަމަށެވެ.

އެހެންނަމަވެސް މާލޭގެ ރައްޔިތުން ނުހަނު ހާލުގައި ބޯހިޔާވަހިކަމެއްނެތި ތިއްބާ، ކުއްލިއަކަށް ބޮޑު އަގުގައި ބަޖެޓުގައި ނެތް އެއާޕޯޓެއް އަޅާވާހަކަ އިވުމުން އެކަމުގެ ކަންބޮޑުވުން މީކާއިލް ފާޅުކުރެއްވިއެވެ.

"ބޯހިޔާވަހިކަމެއްނެތި މާލޭގެ އެތައް ރައްޔިތަކު ކޮންމެ ރެއަކުހެން ކުރުއަތް މައްޗަށް ބޯލައިގެން ހަތް ފޫޓު އަށް ފޫޓުގެ ކުޑަ ގޮޅިއެއްގައި އޮއްވައި ކުއްލިއަކަށް ނޫހަކުން 451 މިލިއަން ރުފިޔާގެ އެއާޕޯޓެއް، އެއާޕޯޓެއް އޮތް އަތޮޅެއްގައި އަޅަން ނިންމެވި ކަމަށް ސަރުކާރުން އިއުލާން ކުރި ހަބަރު، މާލޭގެ މެންބަރުންނަށް އިވުމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް އަޅުގަނޑުމެން މޫނު ދައްކާލާނެ ގޮތެއް ރައީސް ވިދާޅުވެ ބައްލަވާ."

މީކާއިލް ވިދާޅުވީ ބަޖެޓްގައި ނެތް ބޮޑެތި ޕްރޮޖެކްޓްތަކުގެ އަޑު އިވިގެންދަނީ މާލޭގެ ރައްޔިތުން ކުދި ގޮޅިތަކުގައި ބޯހިޔާވަހިކަމެއް ނެތި ތިއްބާ ކަމަށެވެ.

ވަކީ މީހަކު އަދި ވަކި ބަޔަކު ރުއްސުމަށް ރައްޔިތުންގެ ޓެކްސް ފައިސާ މިސްމެނޭޖް ކޮށްގެން ނުވާނެކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.