Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: ރައީސް ސޯލިހް

ފޮޓޯ: ރައީސް އޮފީސް

މިފްކޯއަށް ގެންނަ ބަދަލުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު އެ ދެސިނާއަތަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ދަނޑުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ މާކެޓްކުރުމުގެ ދަތިކަންކަމަށާއި، އެދަތިކަން ޙައްލުކުރުމާއި ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އެގްރޯނެޓް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

މީގެއިތުރުން މަސްވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތަކާއި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެކަންކަން ހައްލުކުރުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް ވެލިއު އެޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކުރިން މިފްކޯއިން މަސްބޭރުކުރުމަށް ކުރަންޖެހުނު ޚަރަދުތައް ކުޑަކޮށް މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސްބޭރުކުރަން ފަށާފައި ވުމާއި މަސް ސްޓޯކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށް މަސްގަތުމާއި ޕޮރޮސަސް ކުރުމުގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މަސްގަންނަ ޕްރައިވެޓް ފަރާތްތަކާވެސް މަޝްވަރާ ކުރައްވާނެކަމަށާއި މަސްވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މި ހުރިހާ މަސައްކަތްތަކާއެކު މަހުގެ އަގަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.