Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ޕައިލެޓަކަށް މުސާރައިގެ ގޮތުގައި 9000ރ ދިން އިރުވެސް ޝަކުވާއެއް ނުކުރަން: ޕައިލެޓުން

ފޮޓޯ: މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނަށް ކޮވިޑާއި ގުޅިގެން މުސާރައިގެ ގޮތުގައި 9000 ރުފިޔާ ދިން އިރުވެސް ޝަކުވާ ނުކުރާކަމަށާއި، މައްސަލައަކީ ކޮވިޑަށްފަހު ކުންފުނީގެ ވިޔަފާރި ރަނގަޅުވިއިރުވެސް ފުލް މުސާރަ ނުލިބުންކަމަށް ޕައިލެޓުން ބުނެފިއެވެ.

މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބޭ މައްސަލައިގައި ބައެއް ޕައިލެޓުން ވަޒީފާއިން ވަކިވުމަށް ނިންމާ އެކަން ކުންފުންޏަށް އަންގަމުންދާކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެކަމާ ގުޅޭގޮތުން "އައްޑޫލައިވް"އަށް ވާހަކަ ދެއްކި ބައެއް ޕައިލެޓުން ބުނެފައިވަނީ އެމީހުންގެ މުސާރަ ކުޑަކޮށްފައިވަނީ ކޮވިޑް-19ގެ ހާލަތުގައި ކަމަށެވެ.

އެ ޕައިލެޓުން ބުނި ގޮތުގައި، އޭރުގެ ހާލަތަށް ބަލައި އެކަމުގައި އެމީހުން އެއްވެސް ޝަކުވާއެއް ކޮށްފައެއްނުވެއެވެ. އަދި ޤައުމީ ހިދުމަތެއްކަމުގައި ދެކިގެން ކޮވިޑްގެ ހާލަތުގައިވެސް މީހުން އެކި ތަންތަނަށް އުފުލުމާއި، ވެކްސިން އަދި މެޑިކަލް އިކުއިޕްމެންޓްފަދަ ތަކެތި އުފުލުމުގައިވެސް އެ ޕައިލެޓުން ހަރަކާތްތެރިވެފައިވެއެވެ.

"އައްޑޫލައިވް"އާ ވާހަކަ ދެއްކި ޕައިލެޓުން ބުނިގޮތުގައި ކޮވިޑާއި ގުޅިގެން މުސާރަ ކުޑަކުރުމަށްފަހު މިފަހުން އިތުރު ކުރީ 30 ޕަސެންޓް ކަމަށާއި، އެމީހުންގެ މުސާރައިގެ ގޮތުގައި ކޮވިޑާ ގުޅިގެން ލިބެމުން އަންނަނީ އެންމެ 9000 ރުފިޔާކަމަށެވެ. އެއީ ދިގުމުއްދަތަކަށް ކިޔަވައިގެން އަދި އެފަދަ މަސައްކަތަކަށް އެއްވެސް ވަރަކަށް އެކަށޭނަ މުސާރައެއް ނޫނެވެ. އަދި ކޮވިޑްގެ ހާލަތަށްފަހު މިހާރު ދަތުރުތައް އަލުންފެށި ފްލައިޓްތައް ރަނގަޅަށް ބާއްވާ އަދި ކުންފުނީގެ ހާލަތުވެސް ރަނގަޅުވެފައިވާއިރު މުސާރަ ކުޑަކޮށް އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

"މިއެދެނީ ކޮވިޑް ފްރަންޓްލައިން އެލަވެންސެއް ދޭކަށްނޫން، އެހެން ވަޒީފާތަކުގެ މީހުންނަށް ދިންގޮތަށް. މި އެދެނީ ކުޑަކުރި މުސާރަ ކުރިން ހުރިވަރަށް ބަދަލު ކުރުމަށް."

މިކަމުގައި ހުރި ހިތްހަމަނުޖެހުންތަކާއެކު ޕައިލެޓުން ވަނީ އެ މީހުންގެ މުސާރަ ކުރިން ހުރިވަރަށް ބަދަލުކުރުމަށް އެއްބަސްވެފައިވާތީ އެކަން އެގޮތަށް ކުރާނެކަމުގެ ޔަގީންކަން ދިނުމަށް އެދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރަށް ސިޓީއެއް ފޮނުވާފައެވެ. އަދި ޕައިލެޓުންނާއެކު އެއްބަސްވެފައިވާ ގޮތަށް، ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 16:00 އަށް، ކަންކަން ނުދާނަމަ އުދުހެން ހުއްޓާލާނެކަމަށްވެސް ޕައިލެޓުން ބުނެފައިވެއެވެ.