ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޓެލިޖަންސްގެ ޙިއްސާ ވަރަށް ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ 20 އަށް ވުރެ ގިނަ ޤައުމުގެ ޑިފެންސް އިންޓެލިޖަންސްގެ އިސްވެރިން ބައިވެރިވެޑައިގެންނެވި އަދި މިމަހުގެ 6 އިން 8 އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ 14 ވަނަ އިންޑޯ-ޕެސިފިކް އިންޓެލިޖަންސް ޗީފްސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު މާރިޔާ ވަނީ ދެ ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އަދި ކަނޑުމަގުން ކުރާ ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި އިސްތިރާޖީގޮތުން އައިސްފައިވާ މައިގަނޑު ބަދަލުތަކާއި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދޭދޭ ޤައުމުތަކުން ގުޅިގެން، އިންޓެލިޖަންސް މައުލޫމާތާއި ބެސްޓް ޕްރެކްޓިސް ހިއްސާކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ޓްރެއިނިންގްތައް ހިންގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަބަދުވެސް ބާރުއަޅުއްވާ ކަމެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މަގުދައްކާ އަދި އާންމު ރައްޔިތުންގެ ދިރިއުޅުން ބައްޓަންކުރުމުގައި ސްޓްރެޓީޖިކް އިންޓެލިޖަންސްގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޓެލިޖަންސްގެ ޙިއްސާ ވަރަށް ބޮޑު ކަމަށެވެ.
އަދި ރާއްޖެފަދަ ޖަޒީރާ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކުރުމުގައި، ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްޗެސް މިނިސްޓަރު މާރިޔާ އަލިއަލުވާލާ ވާހަކަ ދައްކަވާފައިވެއެވެ.