Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ޕީޖީން ކޮށްފައިވަނީ ރައީސް ޔާމީން ފްރޭމް ކުރުމުން ކަންތައްތަކެއް: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ވާހަކަ ދައްކަވަނީ--

މަނީލޯންޑްރިންގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފްރޭމް ކުރުމުގެ ކަންތައްތަކެއްކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ރައިސް ޔާމީންގެ މައްޗަށް އިއްވާފައި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު އެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވަނީ ހުލާސާ ގޮތެއްގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކުރާ 22 ނުކުތާއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ މި މައްސަލައިގައި ވަރަށް ސާފުކޮށް އެގެން އޮތް ކަންތައްތަކެއް އެބަހުރި ކަމަށާއި، އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުގައި ރައީސް ޔާމީންގެ ފައިސާ ހުރިކަން ސާފުވާކަމަށެވެ. އަދި ރައީސް ޔާމީނަށް ހުކުމް ކޮށްފައިވާ މައްސަލައިގައި ގާނޫނީ ގޮތުން އެކަންކަން ބަލާ އެއްވެސް ފަރާތަކުން ތުހުމަތެއް ކޮށްފައި ނެތްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ މި މައްސަލައިގައި ޕީޖީން މަސައްކަތް ކޮށްފައިވަނީ ރައީސް ޔާމީން ފްރޭމް ކުރުމަށް ކަމަށެވެ.

"ދައުލަތުން ހަގީގަތުގައި މުޅި މި މައްސަލައިގައި ގެންގުޅުނު ޑިޒައިނަކީ މުޅި އެއްޗަކީ ހަގީގަތުގައި ފްރޭމް ކުރުމަށްޓަކައި. ހަގީގަތަކީ މި މައްސަލައިގައި އަޅުގަނޑުގެ މުވައްކިލު ފްރޭމް ކުރުމަށްޓަކައި މަސައްކަތް ކުރެވިފައިއޮތީ. މުޅިން ފެބްރިކޭޓް ކުރުމަށްޓަކައި މަސައްކަތް ކޮށްފައި އޮތީ. މުޅިން ޑިޒައިން ކޮށްފައިއޮތީ ނޭންގި އައިއްސަ ބޮޑު ދަލެއްގެ ތެރޭގައި ބައްދާލަން ހަގީގަތުގައި." ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން–

އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ މި މައްސަލައިގައި ތަހުގީގު މަރުހަލާގައިވެސް ކަންކަން ދިޔައީ ގޯސްކޮށް ކަމަށާއި، ދައުވާކޮށްފައިވަނީ ތަހުގީގުގައި ކުރި ސުވާލަށް ނުވަތަ ތަހުގީގު ކުރި ކަންތަކަށް ނޫންކަމަށެވެ. އަދި ތަހުގީގުގައި މަނީލޯންޑްރިންއާ ގުޅޭ ސުވާލު ނުކުރާކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ޝަރީއަތްވެސް ފަށާފައިވަނި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން އެ ޤާނޫނުގެ 116 މާއްދާގައި ބަޔާންކުރާ ފުރުސަތު ނުދީ ޝަރީއަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީނަށް ހުކުމް ކުރުމަށް އެކުލަވާލި ބެންޗުވެސް އެކުލަވާލާފައިވަނީ ގޯސްކޮށް ކަމަށް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޕީޖީން ރައިސް ޔާމީނާއި ދެކޮޅަށް ދައުވާކުރިއިރު، އެ ކުށް ހިނގާފައިވަނީ ކޮންތާކު ކޮން އިރަކުކަމެއް ބަޔާންކޮށްފައި ނުވާކަމަށާއި، އަދި ދަށުކޯޓުގައި މައްސަލަ ދިޔައިރު ބައެއް ލިޔެކިޔުން ލިބުނީ ޝަރީއަތް ކުރިއަށްދަނިކޮށްކަމަށެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސްދިން ފަރާތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އަދީބާއި ޒިޔަތު އަދި މުއައްވިޒުގެ ހެކި ބަހާއި ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ކޮމަންލޯ އަދި އިސްލާމިކް ޝަރިއްޔާގެ ހަމަތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ 22 އިސްތިއުނާފީ ނުތުކާގެ ތެރެއިން ތަފްސީލަށް ދެވުނީ ހަތް ނުކުތާގެއެވެ. އިތުރު އިސްތިއުނާފީ ނުކުތާތަކަށް ވާހަކަދެއްކުމަށް މާދަމާ އަޑުއެހުމެއް ބޭއްވުމަށްވަނީ ނިިންމާފައެވެ.